ދެ މީހަކަށް 50،000ރ ދޭން ސީ ލައިފްގެ މައްޗަށް ހުކުމް ކޮށްފި

ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ފްލެޓް އެޅުމަށް ކަމަށް ބުނެ ފައިސާނެގި މީހުންގެ ތެރެއިން ދެ މީހަކަށް އެ ފައިސާ އަނބުރާ ދޭން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިގޮތުން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ބުކިން ފީ ގެ ގޮތުގައި އެ ދެ މީހުން ދެއްކި 50،000ރ. އަކީ ސީ ލައިފުން އެ މީހުންނަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ކަން އެ ކުންފުނިން ކޯޓުގައި ވެފައިވާ އިއުތިރާފުން ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށް އަންގާ ކަމަށެވެ.

 ސީ ލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އިތުރު ފަރާތްތަކެއްގެ މައްސަލަތައް ކޯޓުގައި ދަނީ ހިންގަމުންނެވެ.

ސީ ލައިފް މޯލްޑިވްސް އާއި ދުބާއީގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓާއި އޮފީސް ތަރައްގީ ކުރުމަށް ހައުސިންގ ޑިވެލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެގްރީމެންޓްގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ތިން ބިމެއްގައި 800 އާއި 1000 އާ ދެމެދުގެ އަދަދެއްގެ ފްލެޓެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިރު މުޅި މަޝްރޫއުގެ ދިގުމިނަކީ ފަސް އަހަރެވެ. އެ ހާސް ފްލެޓް ވިއްކަން މާކެޓަށް ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ވަނީ ކިޔު ޖެހިގެން އެ ތަނުން ފްލެޓް ގަނެފައެވެ. އަދި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީ ލައިފް ކުންފުނިން ވަނީ އެތައް މިލިއަން ރުފިޔާއެއް މީހުން އަތުން ނަގައިފައެވެ. 

ނަމަވެސް މިހާތަނަށް އައި އިރުވެސް މި ފުލެޓުތައް އަޅާފަޔެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ