ދިވެހިރާއްޖެ ގުނަމުން މިދާ ވަގުތުތަކަކީ މުހިންމު ވަގުތުތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމުގައި ސަރުކާރު ހިންގާ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަ މެޖޯރިތީ ހޯއްދަވާފައިވާ އެމްޑީޕީގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް މީސްމީޑިއާއަށް ބަންޑުންވެ، ޤައުމުގެ އެންމެ މަތީ ފަންތިއާ ހަމައަށް އެ ރާޅު ބީއްސަމުންދާ ވަގުތުތަކެކެވެ.
ޤައުމުގެ ވަލިއްޔުލް އަމުރުން ފެށިގެން އެންމެ ނިކަމެތި ރައްޔިތުމީހާ އަދި މީސްމީޑިއާ ސިޔާސީ އެކްޓިވިސްޓުންވެސް ހޭބޯ ނާރާ ކުރަމުންދާ މަސައްކަތަކަށް ވެފައިވަނީ ކެމްޕޭން ކުރުމާއި، އަމިއްލ ކިޔާލު ފާޅުކޮށް ފަޅިއަކަށް އެރުމެވެ. ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުންވެސް މި ކަމުގައި އަވަދިނެތި އުޅުއްވާލެއް ކުޑައެއް ނޫނެވެ.
މި ހައްސާސް ވަގުތުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރުވެސް މިވަނީ ތަފާތު މެސެޖެއް ރައްޔިތުންނަށް ދެއްވާފައެވެ. ރޭ ފަތިހު ޢަލީ ޒާހިރު ރައްޔިތުންނަށް ގޮވާލައްވާފައިވަނީ އެކުވެރިކަންމަތީ އެއްބައިވެ، އެއްބައެއްގެ ގޮތުގައި ތިބުމަށާއި ވަކިވަކިވެ ނުގަނަތުމަށެވެ.
"އުއްމަތުގެ ދިރުމަކީ އެކުވެރިކަމެވެ. އެކުވެރިކަމަކީ ދިރިހުރި ބާރެކެވެ. އިސްލާހަށް މަގުފަހި ވުމުގެ މަދަދު ގާރެވެ. ތަރައްގީގެ ސިއްރަކީ އެކުވެރިކަމެވެ. މުސްލިމުންގެ ރަމްޒަކީ އެއްބައިވަންތަކަމެވެ. ހަލާކުގެ އަސްލަކީ ވަކިވަކިވުމެވެ. އުފާތައް މުގުރާލާ ހަތިޔާރަކީ އަނިޔާވެރިކަމެވެ." ޢަލީ ޒާހިރު ރަސްމީ ޓްވިޓަރގައި ލިޔުއްވާފައިވެއެވެ.
އުއްމަތުގެ ދިރުމަކީ އެކުވެރިކަމެވެ. އެކުވެރިކަމަކީ ދިރިހުރި ބާރެކެވެ. އިސްލާހަށް މަގުފަހި ވުމުގެ މަދަދު ގާރެވެ. ތަރައްގީގެ ސިއްރަކީ އެކުވެރިކަމެވެ. މުސްލިމުންގެ ރަމްޒަކީ އެއްބައިވަންތަކަމެވެ. ހަލާކުގެ އަސްލަކީ ވަކިވަކިވުމެވެ. އުފާތަށް މުގުރާލާ ހަތިޔާރަކީ އަނިޔާވެރިކަމެވެ. ??☮️
— Ali Zahir (alipi) (@alixahir) May 26, 2019
ޢަލީ ޒާހިރު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ 10:30 ގައެވެ. އަދި ސުޕަ މެޖޯރިޓޯ ހޯއްދަވާފައިވާ އެމްޑީޕީން އެ މަޤާމުތަކަށް ތާއީދުކުރާނެ ފަރާތްތައް ނިންމުން މިރޭ 21:30 ގައި އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ތާއީދު އޮތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށްކަމަށް ޚަބަރުތައް ބުނެއެވެ.
މި ވާދަވެރިކަން ޤައުމުގެ ވަލިއްޔުލް އަމްރާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދެމެދުގައި އުފެދިފައިވާއިރު، އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވައި، މަޤާމުގެ ނުފޫޒު ނަމަހަގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތައް ވަނީ މީޑިއާއަށް ތިލަވެފައެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގައި ނިންމާ މި މުހިންމު ނިންމުމުގައި ޤައުމީ މަސްލަހަތު އިސްކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އަދި ޤައުމުގެ ވެރިކަން ފަސް އަހަރަށް ކުރުމުގައި ވަލިއްޔުލް އަމުރަށް ދަތި ނުވާނޭފަދަ ނިންމުމެއް ނިންމެވުމަށްވެސް ޤައުމަށް ހެޔޮއެދޭ ގިނަ ބަޔަކު އެދިލައްވައެވެ.