ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުއްޤައްޔޫމް އަށް އިތުރުފުޅު ހައްދަވަން ކެރިވަޑައިގަންނަވަނީ ވެރިން އެކަމަށް މަގުފަހިކޮށްދެއްވާތީ ކަމަށް، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
މީގެ 17 އަހަރު ކުރިން އީވާން ނަޞީމް މަރާލި ހާދިސާއާއި ގުޅިގެން ރައީސް މަޢުމޫނަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވަމުން ދަނިކޮށް، ދިޔާނާ ވަނީ މިހާދިސާއައި ގުޅިގެން ރައީސް މަޢުމޫން އިތުރު ފުޅު ހައްދަވާކަން ދޭހަވާ ފަދަ އިބާރާތަކުން ޓްވިޓް ކުރައްވާފައެވެ.
އެގޮތުން ބްރިގޭޑިއާ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ އީވާން ނަޞީމް މަރާލި ހާދިސާ ވަނީ ތަޙްޤީޤު ކުރެވިފައި ކަމަށާއި އަދި އެ ބަޔާންތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުންނަވާނެކަމަށެވެ. މިހާދިސާއާއި ގުޅިގެން ކުއްވެރިވި މީހުންނަށް ފިޔަވަޅުއަޅާފައި ވާނެކަމަށް އިބްރާޙިމް މުޙައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް މަޢުމޫން އެ ދުވަހު ބަޑި ޖަހަން އަމުރު ނުކުރައްވާކަމުގައި ވެސް އިބްރާޙީމް މުޙައްމަދު ދީދީ ވިދާޅުވެފައި ވެއެވެ.
އިބްރާޙިމް މުޙައްމަދު ދީދީ މިހެން ވިދާޅުވުމާއި ގުޅިގެން ރައީސް މަޢުމޫން ވަނީ މިހާދިސާގެ ހަޤީޤަތް ހާމަ ކުރެއްވީތީ އެބޭފުޅާއަށް ޝުކުރު ދަންނަވާފައެވެ.
ނަމަވެސް ދިޔާނާ ވިދާޅުވެފައި ވަނީ ރައީސް މަޢުމޫނަށް އިތުރު ފުޅު ހައްދަވަން ކެރިވަޑައިގަންނަވަނީ މި ރާއްޖޭގެ އިސް ވެރިންނަށް ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވާ، އިތުރުފުޅު ހައްދަވަން ރައީސް މަޢުމޫނަށް މަގުފަހި ކޮށްދެއްވާތީ ކަމަށެވެ.
"ރާއްޖޭގެ އިސް ވެރިންނަށް ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވާ، އެހެނަސް ނިޒާމްގެ ހިޔާވަހިކަން ދެއްވާ އިތުރުފުޅު ހައްދަވަން ރައީސް މަޢުމޫނަށް މަގުފަހިކޮށް ދެއްވާތީ" ދިޔާނާ ވިދަޅުވެފައި ވެއެވެ.
ދިޔާނާ އިތުރަށް ވިދާޅުވެފައި ވަނީ މި ރާއްޖޭގައި މާތްކަން އިތުރު ވާނީ ދޮގު ހެދި ވަރަކަށް ކަމަށެވެ.




