އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދަން އިސްވެ އެވާހަކަ ދެއްކެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު ކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަނާރާ މީސްމީޑިއާގައި ވިދާޅުވެފައިވަނީ، ކޯލިޝަން ހަދަން އިސްވެ ވާހަކަ ދެއްކެވީ ނަޝީދު ކަމަށާއި ނަމަވެސް އެއީ އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ކަމަށެވެ.
"މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށްފަހުވެސް އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދަން ބޭނުންވެގެން އެވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ރައީސް ނަޝީދު. އަދި އެއީ އެމްޑީޕީގެ އެތެރޭގެ ކަމެއް. އަޅުގަނޑުމެން މިތިބީ ވާގޮތް ބަލަން." އަނާރާ ވިދާޅުވެފައިވެއެވެ.
އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދަން އިސްވެ އެވާހަކަ ދެއްކެވީ ރައީސް ނަޝީދު ކަމަށް އަނާރާ ވިދާޅުވިއިރު، މީޑިއާގައި އަޑު ފެތުރުފައި ވަނީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އަދާލަތުން އިސްވެ ކަމަށެވެ.
އަދާލަތަށް މަޖިލީހުގެ 6 ދާއިރާއެއް ދޫކޮށްލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓުންނާއި ސަޕޯޓަރުން އެކަމަށް އެއްބަހެއް ނުވެއެވެ. އެހެންކަމުން ކޯލިޝަން ހަދަން ކުރި އުއްމީދުތައް ގެއްލި އިއްޔެ އެމްޑީޕީން ވަނީ 86 ދާއިރާގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަނަށް ހުށަހަޅާފައެވެ.
މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރާއިރު އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ސަރުކާރުގެ ބައިވެރިޔާ މަޢުމޫނުގެ ސަޕޯޓަރުންވެސް ވާދަކުރައްވާނީ ވަކިވަކިންނެވެ.