ފ. ދަރަނބޫދޫގައި ހިނގި ވައްކަމުގެ މައްސަލައެއްގައި، އެރަށުގެ ތިންމީހަކު ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި އެއްކޮއްފައި ހުރި ތިން ލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ، ދަރަނބޫދޫ ގެއެއްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހެޅިފައިވާ ކަމަށާއި ފައިސާ ގެއްލިފައިވާ ކަން އެނގުނީ ހޮނިހިރު ދުވަހު ކަމަށެވެ.
ދަރަނބޫދޫ ކައުންސިލްގެ ރައީސް އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، އެ ރުފިޔާ އަކީ މި އަހަރު ހައްޖަށް ދާން ތިންމީހަކު އެއްކޮށްފައި ހުރި ފައިސާ ކަމަށާއި އެ ބަހައްޓާފައި ހުރީ މީހުން ދިރިނޫޅޭ ގެއެއްގެ އަލަމާރީގައި ކަމަށެވެ.
ފާއިތުވި ދުވަސް ތަކުގައި ވައްކަމުގެ މައްސަލަތައްވަނީ އިތުރު ވެފައެވެ. އަދި މިފަދަ މައްސަަލަތައް ބޮޑުވެ މިދިޔަ ހަފްތާގައި ދިއްފުށީގައިވަނީ ރައްޔިތުންގެ ބަޔަކު ނިކުމެ ވައްކަންކުރާކަން ޝައްކު ކުރެވޭ ފަރާތްތަކަށް ހަމަލާވެސް ދީފައެވެ.