މީގެ ކުރިން ވެކްސިން ދީގެން ކޮންޓްރޯލް ކުރެވިފައިވާ ބައެއް ބަލިތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ،
މިކަން ހާމަކޮށް އެޖެންސީން ނެރެފައިވާ ނޫސްބަޔާނުގައި، މިކަމުގެ މައިގަނޑު ސަބަބެއްކަމަށް ވެފައިވަނީ އެޤައުމުތަކުގައި ވެކްސިން ލިބިގަންނަ ނިސްބަތް ދަށްވަމުން ދިއުންކަމުގައި ވިދާޅުވެފައިވެއެވެ.
ޤަވާޢިދުން ވެކްސިން ޖެހުމަކީ ހަމައެކަނި ތިމާގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްނޫންކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުވެސް ރައްކާތެރިކުރެވޭނެކަން އެޗްޕީއޭއިން ވިދާޅުވިއެވެ.
އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ވެކްސިންދޭ ނިސްބަތް ދަމަހައްޓަމުންދާ މިންވަރު ރަނގަޅުކަމަށާއި ޅަފަތުގައި ވެކްސިން ދީފައިވާ ނިސްބަތު ރާއްޖޭގައި މަތިވުމުގެ ސަބަބުން 1980 އަހަރުތަކުން ފަށައިގެން ޕޯލިއޯ، ކަރުފޮޅު އަދި އިދިފުށަށް ދަމާބަލިން މަރުވާ އަދި ބަލިވާ ކުއްޖަކު ދިވެހިރާއްޖެއިން ފެނިފައި ނުވާކަމަށް އެ އޭޖެންސީއިން ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ގައުމެއްގެ ގޮތުގައި ކަނޑައަޅައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއަށް 2017 ވަނަ އަހަރު ސެޓްފިކެޓެއްވެސް އަރުވާފައެވެ.
ވެކްސިންގެ މުހިންމުކަން ބަޔާންކޮށްދެއްވައި ވެކްސިންގެ ޑޯޒްތައް، ގައުމީ ވެކްސިން ތާވަލުގައިވާ ގޮތަށް ފުރިހަމަ ކުރައްވާ ތުއްތުކުދިން ނުރައްކާތެރި ބަލިތަކުން ސަލާމާތަކުރެއްވުމަށް ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އިލްތިމާސްކޮށްފައިވެއެވެ.
އަދި ވެކްސިންއާއި ބެހޭގޮތުން އޮޅުމެއް އަރާނަމަ އޭޖެންސީއާއި މަޝްވަރާކުރުމަށް އިލްތިމާސްކޮށްފައިވާއިރު އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ އެއޭޖެންސީގެ ފޯނު ނަމްބަރު 3014333 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އޭޖެންސީއިން އެދެއެވެ.