ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮޗިން ކާގޯ ފެރީއަކީ އުތުރަށް އަންނަ ތަރައްގީގެ އާ ފެށުން: ޝާހިދު

މިއަދު މި ފެށުނު ކޮޗިން ކާގޯ ފެރީއަކީ އުތުރުގެ ރަށްތަކަށް އަންނަ ތަރައްގީގެ އާ ފެށުން ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބަނދަރު ކުރުން ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ފޮރިންގ އެފެއާސް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރާއި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާ މެންބަރު ޖަމްޝީދު މުޙައްމަދާއި، އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވެސް ބައިވެރިވަޑައިގެންފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި މިއަދަކީ ދިވެހިރާއްޖެއަށް އާ ދިރުމެއް ލިބިގެންދާ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ބޮޑު ތިލަދުންމަތި ބޮޑުކޮށް ދިއްލުމުގެ ފެށުން ފާހަގަކުރާ ދުވަސް ކަމަށާއި މިއަދަކީ ކުޅުދުއްދުފުށި އަލުން އާރާސްތުކޮށް ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ޒިކުރާ އާކޮށް އޭގެ މައްޗަށް އާ ބިނާތަކެއް ބިނާކުރަން ފަށާ ދުވަސް ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިއަދަކީ ރައީސް ސާލިހަކީ ކުރައްވާ ވައުދުތައް ފުއްދަވާ ބޭފުޅެއްކަން ތާރީހުގައި އަނެއްކާވެސް ލިޔެލެވިގެން ދާ ދުވަސް ކަމަށާއި މިއަދަކީ ރައީސް ސާލިހަށް ބޮޑުތިލަދުންމައްޗާ ދިވެހިރާއްޖޭގެ ނަމުގައި ޝުކުރު ދެންނެވުމުގެ ދުވަސް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރު ވެރިކަމަށް އައީ ވައުދުތަކެއް ވަމުން. ލާމަރުކަޒީ ކުރާނަމޭ ބުނެ ރައްޔިތުންނަށް ކުރެހުމެއް ދައްކަމުން އެ ކުރެހުމުގައި އިރާދަކުރެއްވިއްޔާ ކުލަ ޖެހެމުން މިދަނީ އިންތިހާއަށް ބާރަށް. މި ސަރުކާރުން ކަން ކުރާނެކަން މިއަދު މި ފެންނަނީ." ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ކުރުމަކީ ހަމައެކަނި ގާނޫނަކުން އެކަނި ފުއްދާލެވޭނެ ދުވަހެއް ނޫންކަން އަޅުގަނޑުމެނަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއު ތައް ކުރިއަށް ގެންދާ ކަމަށެވެ.

"އެ މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން އެއަތޮޅެއްގެ ރައްޔިތުންނަށް ސީދާ ފައިދާވާނެ ގޮތުގެ މަތިން. މީގެ ފެށުން މިހާރު ފެށިގެން މިހާރު މިދަނީ. ސީދާ އިންޑިއާއާގެ ކޮޗިންއާއި މި ގުޅާލެވެނީ ފެރީ ސާވިސްއަކުން މުދާ ގެނެއުމުގެ ވަސީލަތެއްގެ ގޮތުން. އެއީ އަޅުގަނޑުމެން މި ދަންނަވާ ލާމަރުކަޒީ ކުރުމަކީ." ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިއަދު މި ފަށާ ފެށުމަކީ އުތުރަށް އަންނަ ތަރައްގީގެ އާ ފެށުން ކަމަށާއި ހަގީގަތުގައި ހުޅުވާލެވޭ ކޮންމެ ދޮރަކާއި ގުުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސާދަށް އަންނަ ދިރުމެއް ކަމަށާއި ހަގީގީ ދިރުމަކީ އެއްތަނެއްގައި ހުންނަ މުދާ އަނެއްތަނަކަށް ގެނައުމަށް މަގުފަހިވުން ކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިއަދު މި ފެށޭ ފެރީ ސާވިސްގެ ސަބަބުން އަޅުގަނޑުމެނަށް ފަހިވެގެންދާ އެންމެ ބޮޑު އެއް ކަމަކީ މާލެއަށް ބަރޯސާވެ ތަރައްގީގެ ކަންތައްތައް ކުރަމުން އައި އައުން ނިމުމަކަށް އައުމުގެ ފެށުން ކަމަށާއި ރާއްޖޭގެ އުތުރުގެ ބަނދަރަކަށް ސީދާ ބޭރުން މުދާ ގެނެސް އެ މުދާ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ފެތުރިގެން ދާނޭ ގޮތް ފަހިކޮށްދެވިގެން ދިޔުން ކަމަށް  ޝާހިދު ވިދާޅުވިއެވެ. މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ރައްޖޭގެ ރައްޔިތުންނަށް އެތައް ގޮތަކުން ފެނިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ދަތުރުގައިވެސް 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ވިދާޅުވެފައެވެ.

3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ މިހާތަނަށް ކުޅުދުއްފުއްޓަށް ބަނދަރުކުރާ އެންމެ ބޮޑު ބޯޓެވެ. މިދަތުރުގައި ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނަކަމަށް މި ކާގޯ ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވެފައި ވެއެވެ.

މި ދަތުރުގައި ކޮންޓެއިނަރތައް މަދުވުމުން ފެރީއިން ކުޅުދުއްފުއްޓަށް މުދާ ބާލަމުންދާނީ މުދާ އުފުލާ ބޮޑެތި ދޯނިފަހަރު ބޭނުންކޮށްގެންކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ