ކޮޗިން ފެރީގެ ސަބަބުން މާލެއަށް ބަރޯސާވުން ނިމުމަކަށް: ޝާހިދު

ކޮޗިން ފެރީގެ ސަބަބުން މަލެއަށް ބަރޯސާވުން ނިމުމަކަށް އަންނާނެ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބަނދަރު ކުރުން ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ފޮރިންގ އެފެއާސް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރާއި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާ މެންބަރު ޖަމްޝީދު މުޙައްމަދާއި، އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވެސް ބައިވެރިވަޑައިގެންފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، އަޅުގަނޑުމެން މިއަދު މި ފަށާ ފެށުމަކީ އުތުރަށް އަންނަ ތަރައްގީގެ އާ ފެށުން ކަމަށާއި ހަގީގަތުގައި ހުޅުވާލެވޭ ކޮންމެ ދޮރަކާއި ގުުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސާދަށް އަންނަ ދިރުމެއް ކަމަށާއި ހަގީގީ ދިރުމަކީ އެއްތަނެއްގައި ހުންނަ މުދާ އަނެއްތަނަކަށް ގެނައުމަށް މަގުފަހިވުން ކަމުގައެވެ.

މިއަދު މި ފެށޭ ފެރީ ސާވިސްގެ ސަބަބުން އަޅުގަނޑުމެނަށް ފަހިވެގެންދާ އެންމެ ބޮޑު އެއް ކަމަކީ މާލެއަށް ބަރޯސާވެ ތަރައްގީގެ ކަންތައްތައް ކުރަމުން އައި އައުން ނިމުމަކަށް އައުމުގެ ފެށުން ކަމަށާއި ރާއްޖޭގެ އުތުރުގެ ބަނދަރަކަށް ސީދާ ބޭރުން މުދާ ގެނެސް އެ މުދާ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ފެތުރިގެން ދާނޭ ގޮތް ފަހިކޮށްދެވިގެން ދިޔުން ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ރައްޖޭގެ ރައްޔިތުންނަށް އެތައް ގޮތަކުން ފެނިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ