ރާއްޖެ އަންނަ ފަތުރުވެރިންނަށް "ފުރަތަމަ ނަޒަރު އޭގެ އިސްޤީ އަސަރު" ދޭންތިބި މީހުންނަކީ އިމިޤްރޭޝަންގެ ބޭފުޅުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްދާ "މޯލްޑިވްސް ބޯޑަރ މައިލްސް" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންނާއި ފުރަތަމަ ދިމާވާ ބަޔަކީ އިމިޤްރޭޝަންގެ ބޭފުޅުން ކަމަށާއި "ފުރަތަމަ ނަޒަރު އޭގެ އިސްޤީ އަސަރު" ދޭންތިބި ބަޔަކީ އިމިޤްރޭޝަންގެ ބޭފުޅުން ކަމަށެވެ.
"އަޅުގަނޑުމެން މި ތައާރަފްކުރި ބޯޑަރ މައިލް ފެށިގެން އަންނައިރު ބޭބޭފުޅުންނަށް އެންމެ ފުރަތަމަ ހިނިތުންވާ ތިބީވެސް އިމިޤްރޭޝަން ބޭފުޅުން. އަދި ރާއްޖެއިން އެބޭފުޅުން ވަކިވެގެން ދާއިރުވެސް، ފުރައިގެން އަދި ދެވަނަ ފަހަރަށް އަންނަން އަމާޒު ހިފާއިރުވެސް ހަމަ އިމިޤްރޭޝަން ބޭފުޅުން" ޑރ. މައުސޫމް ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެހެން ބޭބޭފުޅުންވެސް ޓޫރިޒަމް ދާއިރާ އިސްތިހާރުކުރުމަށް މިއަދު ހަރަކާތްތެރިވަމުން ދާކަމަށް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވިއެވެ.
"މޯލްޑިވްސް ބޯޑަރ މައިލްސް" ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ކޮންމެހެންވެސް ބޭނުންވާ ޓޫރިޒަމް އިންޑަސްޓްރީގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމުގެ ސިގްނަލް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ދެއްވާފައިވާ ކަމަށްވެސް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރު ކަމަށްވާ "ފަތުރުވެރިކަމާއި ރަށްރަށުގެ ތަރައްޤީ" އަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކާއި އެޖެންޑާ 19ގެ ސިޔާސަތުތަކާއި ލާމެހިފައިވާ ޝިޢާރެއް ކަމަށެވެ.




