"ސޯލްޓް ބޭ"ގެ ނަމުން މުޅިން ދުނިޔެއަށް މަޝްހޫރު ތުރުކީވިލާތުގެ ޝެފް ނުވަތަ ބޮޑުކައްކާ ނުސްރަތުއަކީ މިއަދު ކުދިބޮޑު އެންމެންގެ މެދުގައިވެސް މަޤުބޫލު ފަރާތެކެވެ. އެގޮތުން ދާދިފަހަކުން އޭނާ ވަނީ އެމެރިކާގެ ބޮސްޓޮންގައި އޭނަގެ އަމިއްލަ ރެސްޓޯރެންޓެއްވެސް ހުޅުވާފައެވެ.
ނަމަވެސް ކޮވިޑް-19 ގެ އުސޫލުތަކާއި ހިލާފަވީކަމަށްބުނެ ކަމާބެހޭ އިދާރާއިން ވަނީ އެ ރެސްޓޯރެންޓް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ސްލްޓޭ ބޭ ބޮސްޓަންގައި ހުޅުވި މި ރެސްޓޯރެންޓަށް ދީފައިވާ ނަމަކީ، އޭނެ ނަމާއި ގުޅުވައިގެން "ނަސްރް އެޓް ބޮސްޓަން" އެވެ.
ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ބަންދުކުރުމަށް އަމުރުކުރީ ކޮވިޑް-19 ގެ އުސޫލުތަކާއި ޤަވާއިދުތަކަށް އަމަލުނުކުރެވުމާއި ގުޅިގެންނެވެ. އެހެންކަމުން ވަކި ގޮތެއް އަންގަންދެން ރެސްޓޯރެންޓް ބަންދުކުރެވިފައިވާއިރު، ލިކާ ލައިސެންސް ވަނީ ސަސްޕެންޑްކުރެވިފައެވެ.
ސޯލްޓް ބޭގެ ނަމުން ވަނަން ދެވިފައިވާ ނުސްރަތު އެންމެ ފުރަތަމަ މީސްމީޑިއާގައި އާއްމުންގެ ސަމާލުކަން ހޯދައިފައިވަނީ، އެއްގަމު މަހުގެ ބާވަތްތައް އާދަޔާޚިލާފް ގޮތަކަށް ކައްކަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާއްމުވުމުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ އޭނާގެ އަތުން ލޮނު ހެޔޮވަރުކުރުމަށް ގެންގުޅޭ އާދަޔާހިލާފް ޓެކްނިކެވެ. އަދި މި ވީޑީއޯ އާއްމުވުމާއެކު، ލިބުނު މަޤުބޫލުކަމާއެކު އޭނަގެ އިންސްޓަގްރަމްއެކައުންޓުގެ ފޮލޯވަރުންގެ އަދަދު ވަނީ ތިރީސް މިލިއަނުން މައްޗަށް އަރާފައެވެ.
ނުސްރަތަށް ލިބުނު ތަރުހީބާއި ކާމިޔާބީއާއެކު، އޭނާ ރެސްޓޯރެންޓެއް ހުޅުވީ، މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭނަގެ މަޤުބޫލުކަމުގެ ސަބަބުން، ރެސްޓޯރެންޓް ހުޅުވި ފުރަތަމަ ދުވަސް ވެގެންދިޔައީ މީހުން ފުރި ބާރުބޮޑުވި ރެއަކަށެވެ. އެގޮތުން އެރޭ ރެސްޓޯރެންޓުގެ ބޭރުގައި، ގިނަ ބަޔަކު އެއްވެ ސަފުހަދައިގެންހުރިކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިގޮތަށް މަގުތަކުގައި ގްރޫޕްހަދައިގައި އެއްވެ ތިބުމަކީ މަނާކަމަކަމަށްވުމުން، މިކަން ފާހަގަވެ ބޮސްޓޮންގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ސޯލްޓް ބޭގެ ރެސްޓޯރެންޓަށް ފިޔަވަޅު އަޅާފައެވެ.
ރެސްޓޯރެންޓް ހުޅުވި ފުރަތަމަ ރޭ، ގިނަ އަދަދެއްގެ މީހުންތަކެއް ރެސްޓޯރަންޓަށް އައިސް ސަފުހަދައިގެން ތިބުމުން، އެ މަންޒަރު ވީޑިއޯކޮށް ނުސްތަރު ވަނީ އަމިއްލައަށް އޭނަގެ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ. އެގޮތުން މި ވީޑީއޯއިން ގިނަ ބަޔަކު އެއްވެ ސަފުހަދައިގެން ހުރިއިރު، ގިނަ ބަޔަކު ފެނިގެންދިޔައީ މާސްކް ނާޅާ ހުރި މަންޒަރެވެ. އެހެންކަމުން، މި ވީޑީއޯއަކީ ސޯލްޓް ބޭގެ ކާމިޔާބީ ފާހަގަކޮށް ފަހުރުވެރިވުމުގެ ގޮތުން ލީ ވީޑިއޯއެއްކަމަށް ގިނަ ބަޔަކަށް ހީވުމުން، މީސްމީޑީއާގައި ގިނަ ބަޔަކު އެކަމާއި ގުޅޭގޮތުން ވަނީ ފާޑުވެސްކިޔާފައެވެ.




