ކޮވިޑް-19 އަށް ދުނިޔޭގައި ފުރަތަމަ އުފެއްދި، ރަޝިއާގެ ކޮވިޑް-19 ގެ ވެކްސިންގެ 25 މިލިއަން ޑޯޒް ނޭޕާލަށް ފޯރުކޮށްދިނުމަށް ރަޝިއާއިން އެއްބަސްވެއްޖެއެވެ.
ރަޝިއާގެ ވެލްތް ފަންޑުން އަންގާރަ ދުވަހު ބުނެފައިވާގޮތުގައި ޓްރިނިޓީ ފާމަސިއުޓިކަލްސް މެދުވެރިކޮށް ރަޝިއާއިން އުފައްދާފައިވާ ކޮވިޑް-19 ގެ ވެކްސިން ކަމަށްވާ “ސްޕްޓްނިކް ވީ” ގެ 25 މިލިއަން ޑޯޒް ނޭޕާލަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ރަޝިއާގެ ޑައިރެކްޓް އިންވެސްޓްމެންޓް ބެންކުން ވަނީ އެކި ގައުމުތަކަށް މި ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. އެގޮތުން އިންޑިއާއަށް ވެސް 100 މިލިއަން ޑޯޒް ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
ރަޝިއާ އިން އުފައްދާފައިވާ ކޮވިޑް-19 ގެ ފުރަތަމަ ވެކްސިން “ސްޕްޓްނިކް ވީ” ރަޖިސްޓަރ ކޮށްފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.
ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 33 މިލިއަނަށް އަރާފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 1 މިލިއަނަށް ވުރެ މަތީގައެވެ.
މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 7,431,458 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 211,393 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 6,305,643 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 98,616 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 4,787,637 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 143,243 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ އަދި މެކްސިކޯ ހިމެނެއެވެ.



