މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަންގު ޓީވީން ދެއްކި، "ރޯހާ" ނަމަކަށް ކިޔާ ޑްރާމާ ސީރީޒްގެ އެޕިސޯޑެއްގައި ހިމެނޭ ގައިގޯޅި މަންޒަރުތަކަކީ، އިސްލާމީ މިންގަނޑުތަކަށް ނުފެތޭ، އަދި މުޖުތަމަޢު ފަސާދަކުރާ ފަދަ މަންޒަރުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީންވެސް ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި އައިސްފައިވާ އަދަބާއި އަހުލާގާ ފުށުއަރާ މަންޒަރުތަކެއް ސަންގު ޓީވީން މީޑިއާގައި އާންމުކުރި ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވިއިރު، ސަންގު ޓީވީން ގެނެސްދިން ޑްރާމާއެއްގައި ބަދުއަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ޖަވާބުދާރީވާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޓީވީ ސްޓޭޝަނަށް ވަނީ އަންގާފައެވެ.
ބްރޯޑް ކޮމްއިން ބުނެފައި ވަނީ އެ ޑްރާމާގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް އަދި އެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގު ނިމެންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ސަންގު ޓީވީއަށް ވަނީ އަންގައިފައެވެ.
ބްރޯޑްކޮމް އަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ސަންގު ޓީވީން އެ ކޮމިޝަނަށް ޖަވާބުދާރީވުމަށް އެންގީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުންނެވެ. އަދި ޖަވާބުދާރީ ނުވާ ނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށް ވަނީ އަންގައިފައެވެ.