މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ކ. ތިލަފުށީގައި އޭޓީއެމްއެއް ހުޅުވައިފިއެވެ. މި އޭޓީއެމް ސެންޓަރު ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އޭޓީއެމް ސެންޓަރެއް ހުޅުވައި ތިލަފުށީގައި ހިދުމަތް ދޭންފަށާފައިވާއިރު، އެތަށް ހުޅުވައިދެއްވީ އެމްއައިބީގެ ސީއޯއޯ އަހްމަދު ރިޒާ އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖޯއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުއެވެ.
އޭޓީއެމް ސެންޓަރު ބަހައްޓާފައި ވަނީ ތިލަފުށީ ބަނދަރު ކައިރީގައެވެ. އަދި މި ސެންޓަރުން އެހެން އޭޓީއެމް ތަކުން ވެސް ލިބޭ ހިދުމަތްތައް ލިބެން ހުންނާނެއެވެ.
މާލޭގެ އިތުރުން ހުޅުމާލެ އަދި ހުޅުލޭގައިވެެސް އެމްއައިބީގެ އޭޓީއެމް ސެންޓަރުތައް ޤާއިމްކުރެވިފައިވާއިރު، ރާއްޖޭގައި އެމްއައިބީގެ ޖުމްލަ 18 އޭޓީއެމް ސެންޓަރު ބެހެއްޓިފައި އެބަހުއްޓެވެ.




