ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ އަޑުއިވުމުގެ ދަތިކަން ހުންނަ ދަރިވަރުންނަށާއި އެ ދަރިވަރުންނަށް ކިޔަވައިދެއްވާ މުދައްރިސުންނަށް އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމިއްޔާގެ ފަރާތުން 600 މާސްކް ހަދިޔާކޮށްފިއެވެ.
އާކް އިން މިއަދު ވަނީ، މި މާސްކްތައް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އާއި ހަވާލުކޮށްދީފައެވެ.
ކޮވިޑް-19 ގެ ނުރައްކާތެރިކަން މާލޭގައި އިތުރުވުމާއި އެކު، ސުކޫލް ތަކުގެ ކިޔެވުން މަހަކަށް ވުރެ ގިނަ ދުވަހު ހުއްޓާލާފައި އޮތުމަށްފަހު މާލޭސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9-12 އިގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށީ މިއަދުއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ އަޑުއިވުމުގެ ދަތިކަން ހުންނަ ދަރިވަރުންނަށާއި އެ ދަރިވަރުންނަށް ކިޔަވައިދެއްވާ މުދައްރިސުންނަށް @ARC_maldivesގެ ފަރާތުން 600 މާސްކު ހަދިޔާކުރުން.#inclusion#accesstoeducation pic.twitter.com/AS1geFKZas
— Ministry of Education (@MoEdumv) October 4, 2020
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާގޮތުގައި ކީ ސްޓޭޖް 4 އަކާއި 5 އެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ނިންމަވާފައިވަނީ ކޮވިޑް-19ގެ މިހާލަތަށް ރިޢާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީންކަމަށެވެ.
އަދި މިހާރެކޭ އެއްފަދައިން އިތުރު ގްރޭޑްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮވިޑް-19ގެ ފުރަބަންދަށް ދިން ލުއިތަކާއެކު ޖުލައިމަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށިއެވެ. އޭރުވެސް މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. އަދި ކޮވިޑް-19 ކޭސްއެއް ނެތް ރަށްތަކުގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުންދެއެވެ.



