ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޓުންގ-ލައި މާގިއޫ ރާއްޖޭގެ ފޮރިން އެފެއަރސް މިނިސްޓަރް އަބްދުﷲ ޝާހިދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މިއަދު ހެނދުނު ފޮރިން އެފެއަރސް މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި، ރާއްޖޭގެ ފޮރިން އެފެއަރސް މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާއި ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައިފައެވެ. އަދި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

އީޔޫގެ ސަފީރު މާގިއޫގެ ވާހަކަފުޅުގައި، ރާއްޖެއިން ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތާއި މުއައްސަސާތައް ހަރުދަނާ ކުރުމުގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގައި ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމާއި މަދަދު ލިބިގެންދާނެކަން ފާހަގަކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ދެބޭފުޅުންވަނީ ކުރިއަށް އޮތް ރާއްޖެއާއި އީޔޫގެ ޕޮލެސީ ކަނޑައެޅުމުގެ ވާހަކަތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ.
މިބައްދަލުވުމުގައި ޝާހިދުގެ އިތުރުން ފޮރިން އެފެއަރސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ހަލީލް އާއި ފޮރިން ސެކެރެޓަރީ އަބްދުލް ގަފޫރު މުހައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.