"އަހަރެން މަރާލީ ކަލޭ" - ރައުދާ

ބަންގުލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިގެން މަރުވީ އަމިއްލައަށް ކަމަށާއި އެނާ އެކަންތައް ކުރީ އޭނާ ރައްޓެހިވެގެން އުޅުނު މީހާ އޭނާއަށް 'ލަނޑުދިނުމުން' އެކަމުގެ ހިތާމައިގައި ކަމަށް ބަންގުލަދޭޝްގެ ޕޮލިސް ބިއުރޯ އޮޕް އިންވެސްޓިގޭޝަން (ޕީބީއައި) ގެ ފައިނަލް ރިޕޯޓުން ބުނެފިއެވެ.

ރައުދާގެ މަރުގެ ތަޙްޤީޤަށް ފާހަގަ ކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓް ކޯޓަށް ހުށަހެޅުމަށް ފަހު ފުލުހުންގެ އިނިސްޕެކްޓަރ ސައިދުރް ރަހުމާން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރައުދާ މަރުވުމުގެ ގަޑިއެއްހާއިރު ކުރިން އޭނާގެ ލޯބިވެރިޔާ އަށް "ވަޓްސްއެޕް" އިން މެސެޖެއް ފޮނުވާފައި ވެއެވެ. އެމެސެޖްގައި ރައުދާ ބުނެފައި ވަނީ "އަހަރެން މަރާލީ ކަލޭ" ކަމަށެވެ.

"ދަ ޑެއިލީ ސްޓާ" ނޫހުގައި ޕީބީއައިގެ އިންވެސްޓިގޭޝަން އޮފިސަރު ސަބް އިންސްޕެކްޓަރު ސައިދުއް ރަހުމާނާ ހަވާލާދީ ބުނެފައިވަނީ ޕީބީއައިއަށް ލިބުނު ހެކިތަކަށް ބަލާއިރު، ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށާއި، އޭގެ ސަބަބަކަށް ވަނީ އޭނާ ރައްޓެހިވެގެން އުޅުނު މީހާއާއި ވަކިވުމުން އެކަމުގެ ސަބަބުން ލިބުނު ހިތާމައިގައި ކަމަށް ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރައުދާގެ ލޯބިވެރިޔަކީ ދިވެއްސެއް ކަމަށާއި އޭނާގެ ނަމަކީ ޝާހީ ޣަނީ ކަމަށެވެ. ޝާހީ މިހާރު ގެންދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ތައުލީމް ހާސިލް ކުރަމުން ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ރިޕޯޓް ބުނާ ގޮތުން ތަޙްޤީޤުގައި ފުލުހުން ވަނީ ރައުދާ އާއި ޝާހީ ވަޓްސްއެޕް އާއި ފޭސްބުކް އިން ދައްކާފައި ހުރި ވާހަކަތައް ހިމެނޭ 17000 ޞަފްހާގެ މެސެޖް ދިރާސާ ކޮށްފައެވެ.

ރިޕޯޓް ބުނާ ގޮތުން ރައުދާ މަރުވި ރޭ ރައުދާ އަށް ވަނީ ޝާހީ އޭނާ އަށް ބޭވަފާތެރިވަމުންދާ ކަން އެނގިފައެވެ. އެކަން ރައުދާ އަށް އެނގުނީ ފޭސްބުކް މެސެޖްތަކެއް ފެނިގެންނެވެ.

މަރުވި ރޭ ރައުދާ ޝާހީ އަށް ކުރި އެއް މެސެޖްގައި ބުނެފައި ވަނީ "އަހަރެން ހަމައެކަނި ލޯބިވީ ޝާހީ ދެކެ. އެކަމަކު ޝާހީ އަހަރެންދެކެ ލޯތްބެއް ނުވި. ތިއީ ވަރަށް ނުލަފާ މީހެއް. އަހަރެންނަށް ވަރަށް ބޮޑު ހިތާމައެއް ދީފިން. އަހަރެންގެ ހަޔާތުގައި ދެން ބާކީ އެއްވެސް އެއްޗެއް ނެތް. މިއަދު އަހަރެން އެއްވެސް އަގެއް ނެތް މީހަކަށް ވެއްޖެ. އަހަރެންނަށް މިހާރު ވެސް އިހްސާސް ކުރެވެނީ އަހަރެން މަރުވެއްޖެ ކަމަށް." ރިޕޯޓްގައި ވެއެވެ.

ރައުދާ ރައްޓެހިވެގެން އުޅުނު މީހާ އޭނާއަށް އޮޅުވާލިކަން ރައުދާއަށް އެނގިފައި ވަނީ، ރައުދާ މަރުވުމުގެ އެއް ރޭ ކުރިން އޭނާ އެފިރިހެން މީހާގެ އެފްބީ މެސެންޖާއަށް ވަދެ ބެލުމުން ކަމަށް ޕީބީއައި އޮފިޝަލުން ވަނީ ބުނެފައެވެ.

ރައުދާ މަރުވީ ލޯބިވެރިޔާ ބޭވަފާތެރިވުމުން ކަމަށް ބަންގްލަދޭޝް ފުލުހުން ނިންމި ނަމަވެސް މިމައްސަލައިގައި ރައުދާގެ ލޯބިވެރިޔާ އާއި ފުލުހުން ސުވާލުކޮށް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައެއް ނުވެއެވެ. އެއީ އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތަކަށް ނުވާތީ އާއި އޭނާ ބަންގްލަދޭޝްގައި ދިރިވެސް ނޫޅޭތީއެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މާޗް 29، 2017 ގައެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކިއެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ކަށްވަޅުން ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.

ރައުދާ އާއި އެކު ކިޔަވަން އުޅުނު ކުއްޖެއްގެ މައްޗަށް ރައުދާގެ ބައްޕަ ޑރ.އާތިފް ތުހުމަތުތަކެއް ކުރި ނަމަވެސް ބަންގްލަދޭޝް ފުލުހުން ތައްޔާރު ކުރި ރިޕޯޓްގައި ބުނީ އެއަންހެން ކުއްޖާގެ އެއްވެސް ކުށެއް ނެތް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރުގެ ހެއްކެތް ފެންނަން ނެތް ކަމަށެވެ.

ރައުދާގެ މަރާއި ގުޅިގެން ތައްޔާރު ކުރި ރިޕޯޓް ކޯޓަށް ހުށަހަޅާފައި ވާއިރު ވަރަށް އަވަހަށް މިމައްސަލައިގައި ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ބެލެވެއެވެ. ދެން މައްސަލަ ކުރިއަށް ދާނެ ގޮތެއް އެނގޭނީ ޝަރީއަތުގެ އަޑުއެހުމަށް ފަހުއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް