އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން މިލަދުންމަޑުލު ދެކުނުބުރީ ޅޮހީގައާއި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގައި 12 ކްލާސްރޫމް ޢެޅުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދިވެހި ސަރުކާރަށް ދެއްވައިފިއެވެ.
މިއިން ކޮންމެ ރަށެއްގައި 6 ކްލާސްރޫމް އެޅުމަށް 1،201،056 ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވައިފައިވަނީ، އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
މި ކްލާސްރޫމްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމަށްޓަކައި ބޭނުންވާ އިތުރު ކްލާސްރޫމްތަކެކެވެ.
6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.