ޤުރުއާން ފިޔަވާ އިސްލާޙް ނުކުރެވޭނެ އެއްޗެއް ނޯންނާނެ ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތައް އަދި ޤަވާއިދުތައް އިސްލާހްކުރަން ޖެހޭކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު އެހެން ވިދާޅުވީ މިހާރު ކުރިޔައްދާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާގައި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ ބަހުސްގައެވެ.
"ހާއްސަ ގޮތެއްގައި ގާނޫނު އަސާސީވެސް އިސްލާހް ކުރަން އެބަޖެހޭ، އަޅުގަނޑުމެންނަށް އިސްލާހު ނުކުރެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކީރިތި ގުރުއާން ފިޔަވާ" މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވިއެވެ.
މަޖިލީހުގައި ހިމެނޭ މިނިވަން މެންބަރުންގެ ހައްގުގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ވެގެންދާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ވާހަކަ ދެއްކުމުގެ ގިނަވަގުތު ދޭންވާނެ، ކަމަށާއި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރުންނަށް ފުރުސަތުތައް ވަރަށް ހަނިކޮށްފައި ވާކަމަށެވެ.
"މެންބަރުން ކޮމެޓީތަކަށް ލާއިރު މިނިވަން މެންބަރުންނަށްވެސް ފުރުސަތު ދޭންވާނެ ސަރުކާރު މައްސޫލިއްޔަތު ބަލާ ކޮމެޓީގައި ތިބެންޖެހޭނީ އެމްޑީޕީ ފިޔަވާ ދެންހުރި މެންބަރުން" ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވަނީ، ކާށިދޫ ދާއިރާއިން މިނިވަން މެންބަރެއްގެ ގޮތުގައެވެ. ޖާބިރު މިނިވަން މެންބަރެއްގެ ގޮތުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލެއްވީ އެމްޑީޕީ ޕުރައިމަރީން ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގަތުމުންނެވެ.




