ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލާއި، ސިޔާދަތު ދިފާއު ކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި ސާބިތުކަމާއެކު ހުންނެވިކަމަށް މިނިސްޓަރ އޮފް ޑިފެންސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާ ކަމަށެވެ.
ޑިފެންސްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ ދީދީ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވި ވާހަކަފުޅުގެ މާނަ އޮޅޭގޮތަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ކަމަށެވެ.
ޑިފެންސުން ނޫސްބަޔާނެއް ނެރެފައި މިވަނީ މާރިޔާ އެ ޗެނަލަށް ދެއްވި އިންޓަވިއުގައި، އިންޑިއާއިން ދިވެހިރާއްޖެ ހިފަން ބޭނުންވެއްޖެ ހިނދެއްގައި ހިފޭނެކަމަށް ދޭހަވާ މޭރުމަށް ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



