މޫސުން ގޯސްވެ ފެންބޮޑުވުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއަކާއި ގުޅިގެން ވެއިޓްނާމުން މިއަދު ހެނދުނު 22 ސިފައިން ގެއްލިއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގައިފައިވަނީ ވެއިޓްނާމުގެ ސެންޓްރަލް ޕްރޮވިންސް ކުއާންގް ޓުރި ގައެވެ. މިމަސް ފެށުނީންސުރެ ވެއިޓްނާމަށް އައްނަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. މިވާރޭގެ ސަބަބުން ފެންގަނޑު ބޮޑުވެ ހިނގި އެކި ހާދިސާ ތަކުގައި މިހާތަނަށް 64 މީހަކުވަނީ ވެއިޓްނާމުން މަރުވެފައެވެ.
ވެއިޓްނާމް ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މިއަދު ގެއްލުން ލިބިފައިވަނީ ސިފައިން ތިބުމަށް ހަދައިފައިވާ އިމާރާތްތަކަކަށް ކަމަށެވެ. އިއްޔެވެސް މިފަދަ ހާދިސާއެއްގައި 13 މީހުން ވެއިޓްނާމުން މަރުވެފައި ވާއިރު މަރުވި މީހުންގެ ތެރޭގައި ގިނައީ ސިފައިންނެވެ.
ވެއިޓްނާމުގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެގައުމަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ. މިގޮތުން އަންނަ ބުދަ ދުވަހާއި ހަމައަށް 600 މލިމީޓަރުގެ ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ.



