ފްރީޑައިވް ބައިފިންސްގެ ރާއްޖޭގެ ރެކޯޑު އިއްސެ އަތުގައި!

ފްރީ ޑައިވްއަކީ ރާއްޖޭގައި މިހާރު މަޝްހޫރުވެ ކުރިއަރަމުން އަންނަ ކުޅިވަރެކެވެ.

މި ކުޅިވަރުގައި އެތަކެއް ޒުވާނުން ހަރަކާތްތެރިވަމުން އަންނައިރު މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރި ރާއްޖޭގެ ގައުމީ ދުވަހާއެކު މި ކުޅިވަރުވެސް މިވަނީ ރާއްޖޭގައި މުޅިން އާ ހަރުފަތަކަށް ދަތުރުކޮށްފައެވެ.

މިސްރުގެ ދަހަބުގައި މިހާރު ކުރިއަށްދާ "އިންޓަރނޭޝަނަލް އެސޯސިއޭޝަން ފޯރ ދަ ޑިވަލަޕްމެންޓް އޮފް އެޕްނިއާ"ގެ ފްރީ ޑައިވިން މުބާރާތުގައި ބައިވެރިވަމުން އަންނަ ރާއްޖޭގެ ފްރީ ޑައިވިން އެތުލީޓް އިސްމާއިލް ނަޝީދު (އިއްސެ) މިވަނީ ފްރީ ޑައިވް ބައިފިންގެ ކެޓަގަރީން ގައުމީ ރިކޯޑް ހަދައިފައެވެ.

އިއްސެ ފްރީ ޑައިވިންގެ ގައުމީ ރިކޯޑު ހަދައިފައިވަނީ މިދިޔަ އާދިއްތަ ދުވަހު 55 މީޓަރު އަޑިއަށް ފީނައިގެންނެވެ. މިވަގުތު މިސްރުގައި ހުރި އިއްސެއާއި "ފެށުން" ނޫހުގެ ފަރާތުންވަނީ މި ހާއްސަ ކާމިޔާބީއާއި ގުޅިގެން އިންޓަރވިއު ކޮށްފައެވެ.

So finally it happened, I did my first competition dive.I initially wanted to do 50, which will still secure a National...

Posted by Ismail Nasheed on Sunday, October 18, 2020

ފްރީ ޑައިވިންގެ ދާއިރާއަށް ވަދެވުނުގޮތާއި ބެހޭގޮތުން ވާހަކަދައްކަމުން އިއްސެ ބުނީ، ބަޔެއް ފްރީ ޑައިވަރުން އެކަންކުރާގޮތް ފެނި އެކަމުގެ ޝައުގުވެރިކަން އުފެދުނީ 2015 ހިސާބުގައި ކަމަށާއި އިއްސެ ފްރީ ޑައިވްކުރަން ފެށީ 2016 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

"އަޅުގަނޑު ފްރީ ޑައިވްކުރަން ފެށީ 2016 ވަނަ އަހަރުގެ ފަހުކޮޅު، ފްރީ ޑައިވް ކުރަން ފެށުމާއެކު އަޅުގަނޑަށް ވިސްނިއްޖެ މިއީ އަޅުގަނޑު ކޮންމެހެންވެސް ކުރަން ބޭނުން ކަމެއްކަން އަޅުގަނޑު ދެން މިކަމައިގެން ކުރިއަށް ދިއުމަށް އިންޑޮނޭޝިއާގެ ބާލީއަށް ދެމަސްދުވަހަށް ބަދަލުވީ، މިއީ އަޅުގަނޑު މިކަމުގެ ތެރެއަށް ވަދެވުނު ގޮތް" އިއްސެ ބުންޏެވެ.

ރާއްޖޭގެ ޒުވާނުން މިކަމުގެ ތެރެއަށް ވަނުމުގެ މުހިންމުކަން ފާހަގަ ކުރަމުން އިއްސެ ބުނީ، ރާއްޖެއަކީ މޫދުގެ ގައުމެއް ކަމަށާއި އަޅުގަނޑުމެން މޫދަށް ވަރަށް ފަރިތަ ކަމަށެވެ. ގިނަ ދިވެހިންނަށް ވަރަށް ކުޑަ ތަމްރީނަކާއެކު ނުވަތަ އެއްވެސް ތަމްރީނަކާ ނުލާވެސް 20-30 މީޓަރު އަޑިއަށް ފްރީ ޑައިވް ކޮށްލެވޭނެ ކަމަށެވެ. މިހެންކަމުން ރަނގަޅު ތަމްރީން ޕްރޮގުރާމުތަކާއި، ފެންވަރު ރަނގަޅު ކޯޗުންގެ އިރުޝާދާއެކު ދިވެހިންނަށް މިކަމުގެ ދުނިޔޭގެ ޗެމްޕިއަންޝިޕްތަކުގައިވެސް ވާދަކޮށްލެވިދާނެ ކަމަށެވެ.

އިއްސެ އިތުރަށް ބުނީ ދިވެހިން ގިނަ ކުޅިވަރުތަކެއްގައި އެތަކެއް އިންވެސްޓްމެންޓުތަކެއްކޮށް ބައިވެރިވެ އެކި ތަޖުރިބާ މިހާރު ކޮށްފައިވާ ކަމަށާއި މިއީ ހަމައެކަނި އެއްގަމުގެ ކުޅިވަރުތަކަށް ފޯކަސް ނުކޮށް މޫދުގެ ކުޅިވަރުތަކަށްވެސް ސަރުކާރުތަކުން އިންވެސްޓުކުރަންވީ ވަގުތު ކަމަށެވެ. މިގޮތުން މިވަގުތު ރާއްޖޭގައި ލިބެންހުރި މަދު ވަސީލަތްތަކުގެ ބޭނުން ކޮށްގެން މޫދު ކުޅިވަރުގެ ގިނަ އެތުލީޓުން ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަން އޭނާ ފާހަގަކުރިއެވެ.

ފްރީ ޑައިވަކީ މިއަދު މުޅި ދުނިޔޭގައާއި އަދި ރާއްޖޭގައިވެސް ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވާއިރު ދިވެހިންގެ ތެރެއިން ވަރަށް ގިނަ ޒުވާނުން އަންނަނީ ފްރީ ޑައިވިންގެ ހުނަރު މަސް ހިފުމަށާއި އަދި މިނޫންވެސް ތަފާތު ކަންކަމަށް ބޭނުން ކުރަމުންނެވެ. ކަންމިހެން އޮތްނަމަވެސް ރަސްމީ ސިފައެއްގައި މިކުޅިވަރަށް ރާއްޖޭގައި އަދި މާ ހާއްސަ ސަމާލުކަމެއް ދެވިފައެއް ނުވެއެވެ.

އިއްސެ ގައުމީ ޖޯޝުގައި ހުރެ، ގައުމީ ދުވަހު މި ހޯދި ކާމިޔާބާއެކު މި ކުޅިވަރަށް ލޯބިކުރާ އެންމެހާ ދިވެހިންގެ އުންމީދަކީ، މިކުޅިވަރަކީ ރާއްޖޭގައިވެސް ގިނަ ބަޔަކު ބަލައިގައްނަ އަދި ކަމާބެހޭ އިދާރާތަކުގެ އެހީއާއެކު ކުރިއަރައިގެންދާނެ ކުޅިވަރަކަށް ވެގެން ދިއުމެވެ. ދިވެހިންނަކީ އަބަދުވެސް މޫދަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓާ މޫދުގެ އަހުލުވެރިންނެވެ. ދިވެހިން ކުރިއަރައިދާނީ ރާއްޖޭގެ މާހައުލާއި ގުޅޭ ދިވެހިވަންތަ މިފަދަ ކުޅިވަރުތަކުންކަން ކަށަވަރެވެ.

މިލިޔުން ކިޔާލުމުން
2141
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Beyyaa

    Vara ufaavejje

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ