ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އާއްމު ޤަވާއިދަށް ބަދަލު ގެނައުމުގެ ދަށުން ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުގެ މަސައްކަތް ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރަން ނިންމައިފިއެވެ.
އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް އެޗްޕީއޭ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
މި ގަވާއިދުގެ ދަށުން ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކާއި، ދަތުރުވެރިންނާއި ފަޅުވެރިންގެ ކިބައިގައި އާއްމު ސިއްހަތަށް ނުރައްކާ ވެދާނެ ބައްޔެއް ހުރިތޯ ބަލައި ޗެކް ކުރާނެ އެވެ. އަދި ރާއްޖެއިން ވައިގެ މަގުންނާއި ކަނޑުގެ މަގުން ފުރާ އުޅަނދުތަކަށް ހެލްތް ކްލެރެއަންސް ދިނުމުގެ މަސައްކަތްވެސް ކުރާނެ އެވެ.
މީގެއިތުރުން މި ގަވާއިދުގައި ބުނެފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޔެލޯފީވާ އުޅޭ ގައުމެއް ކަމަށް ކަނޑައަޅައިފައިވާ ގައުމަކުން ރާއްޖެއަށް ދަތުރުކުރާ ފަޅުވެރިންނާއި ޕަސިންޖަރުންގެ އަތުގައި ސައްހަ އިންޓަނޭޝަނަލް ސެޓްފިކެޓް އޮފް ވެކްސިނޭޝަން އޮތްކަން ކަށަވަރުކޮށްދޭ ލިޔުމެއް އޮންނަން ޖެހޭނެ ކަމަށެވެ.



