"ތޯ: ލަވް އެންޑް ތަންޑާ"ގެ ޝޫޓިން ފަށަނީ!

މާވެލް ގެ ކުރިއަށް ހުރި “ފޭސް 4” ފިލްމްތަކުގެ ތެރެއިން “ތޯ” ގެ ކުރިއަށް އޮތް ފިލްމް “ލަވް އެންޑް ތަންޑާ” ގެ ޝޫޓިން ފަށަން އުޅޭކަމަށް، މި ފިލްމްގައި "ތޯ" ގެ ކެރެކްޓަރ ކުޅެދީފައިވާ މަޝްހޫރު އެކްޓަރ ކްރިސް ހެމްސްވޮތް ހާމަކޮށްފިއެވެ.

މާވެލްގެ ގިނަ ފޭނުން އިންތިޒާރުކުރަމުން އަންނަ މި ފިލްމްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ތާވަލަކޮށްފައިވީނަމަވެސް، ކޮވިޑް-19 ގެ ޕެންޑެމިކްއާއި ގުޅިގެން މި ފިލްމްގެ މަސައްކަތްވެސް އޮތީ ހުއްޓިފައެވެ. ނަމަވެސް ކްރިސް ދާދިފަހަކުން ދިން އިންޓަވިއުއެއްގައި ހާމަކުރިގޮތުގައި، ދެން އަންނަ އަހަރުގެ ޖަނަވަރީ މަހު ފިލްމްގެ ޝޫޓިން އޭޏާ ފަށާނެއެވެ.

ކްރިސް ބުނީ، ކުރިން ތާވަލްކޮށްފައިވާގޮތުންނަމަ، މި ދުވަސްވަރަކީ އޭނާ މި ފިލްމްގެ ޝޫޓިން ކުރިއަށްގެންދާނެ ދުވަސްވަރުކަމަށެވެ. ނަމަވެސް މި ހާލަތުގައި ފިލްމްގެ މަސައްކަތްތައް ފަސްވިނަމަވެސް، ޖަނަވަރީ މަހު ޝޫޓިން ފަށާނެކަމަށް ކްރިސް ހާމަކުރިއެވެ.

"ތޯ"ގެ ސިލްސިލާ ފިލްމްތަކުގެ ތެރެއިން "ލަވް އެންޑް ތަންޑާ" އަކީ ކްރިސް ކުޅޭ މި ސިލްސިލާގެ 4 ވަނަ ފިލްމެވެ. އަދި މުޅިއަކު މާވެލްގެ ފިލްމްތަކުގެ ތެރެއިން މިއީ އޭނާ ކުޅޭ 8 ވަނަ ފިލްމެވެ.

ކްރިސް މީގެ އިތުރުން ހާމަކުރޮގޮތުގައި މި ފިލްމްގެ ކާސްޓުންނާއެކު ފިލްމްގެ ޝޫޓިން ފެށުމަށް  އޭނާ ހުރީ ވަރަށް ޝައުގުވެރިވެފައެވެ.

“ޓެއިކާ ވައިޓިޓި” ޑައިރެކްޓް ކުރާ މި ފިލްމް އިން ކްރިސް ހެމްސްވޮތް ފެނިގެންދާއިރު ނެޓަލީ ޕޯޓްމަން މި ފިލްމްއިން އަނެއްކާވެސް އެނބުރި އަންނާނެއެވެ. ނެޓަލީ ޕޯޓްމަން މިފަހަރު ފެނިގެންދާނީ “ތޯ”ގެ އަންހެން ސުޕަހީރޯ އެއް ގޮތަށެވެ. މީގެ އިތުރުން "ވެލެކަރީ" ގެ ރޯލު އަދާކުރި އެކްޓްރެސް ޓެސާ ތޮމްޕްސަންވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ