މަސްވެރިކަން ކުރިއެރުވޭނީ "ބޮޑު އިސްޓޯރު"ވިސްނުން ދޫކޮށްލައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އުމަރު ވިދާޅުވީ، ހުރިހާ ސަރުކާރުތަކުން ވެސް ވަނީ މަސްވެރިންނާ މެދު އިހުމާލުވެފައި ކަމަށާއި މިއަދު މިވަނީ ފަހުގެ ތާރީހެއްގައި މަހަށް ލިބޭ އެންމެ ދަށް އާމްދަނީ ލިބޭ ހިސާބަށް އައިސްފައި ކަމަށެވެ.
"މަސްވެރިންނަށް ހަމަ އަގު ހޯދައިދޭން އައި ސަރުކާރު މިފެންވަރަށް މަސްވެރިންނާ މެދު އަމަރު ކުރުމަކީ ވަރަށް ބޮޑުހިތާމައެއް." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މަސްވެރިކަމުގެ އިންޑަސްޓްރީ ރާއްޖޭގައި ކުރިއެރުވޭނީ މަސް ގަންނަ ފަރާތްތަކުގައި ވާދަވެރިކަން އިތުރުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ މިފްކޯ ޕްރައިވަޓައިސް ކުރެވި ސަރުކާރުން މަސް ގަތުމާއި ބަންދު ކުރުމުގައި ބައިވެރިނުވެ މުޅިން އެއްކޮށް ޕްރިވެޓް އިންޑަސްޓްރީގެ މައްޗަށް ދޫކޮށްލައިގެން ކަމަށެވެ.
"އުމަރު އިތުރަށް ވިދާޅުވީ، 'ބޮޑު އިސްޓޯރު ވިސްނުން' ސަރުކާރުން ދޫކޮށްލައިގެން މެނުވީ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުމެއް ނުލިބޭނެ. 'މިފްކޯ' ޕްރައިވެޓައިޒް ކޮށް، މަސްވެރިކަމުގެ ވިޔަފާރި ޕްރައިވެޓް ސެކްޓަރ ގެ އަތްމައްޗަށް މުޅިން ދޫކޮށްލައިގެން މެނުވީ މި ސިނާއަތަށް ކުރިއެރުމެއް ނުލިބޭނެ. އޭރުން މަސްގަންނަ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، މަސްވެރިންގެ އާންމުދަނީ އުފުލި، މުޅި ސިނާއަތަށް ކުރިއެރުން ލިބިގެންދާނެ." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ދިވެހިންނަށާއި ބޭރުގެ އިންވެސްޓަރުންނަށް މަސް ބަންދުކުރުމާއި މަސް ގަތުމުގެ ފުރުސަތު ހުޅުވާލެވިއްޖެ ނަމަ މަސްވެރިންނަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ.
ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހި މަސްވެރިންނަށް މިއަދު ލިބެމުންދާ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ އިންތިޒާމް އަޅުގަނޑު ހަމަޖައްސަދޭނަން ކަމަށް އުމަރު ވިދާޅުވިއެވެ.