ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެލްގެ އޮފީހުން ވިދާޅުވީ، ކ. ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢާއި ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދުގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތައް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ މިއަދު ކުރިމިނަލް ކޯޓަށް ވަނީ ހުށައަޅައިފައި ކަމަށެވެ.
މި މައްސަލައަކީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އިން ތަޙްޤީޤު ކުރައްވައި، ޕްރޮސިކިއުޓާ ޖެނެލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.
ޕްރޮސިކިއުޓާ ޖެނެލްގެ އޮފީހުން ވިދާޅުވީ، އަބްދުﷲ ޖިހާދަށް މި ދައުވާ ކުރަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝިއަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤިކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތައް ޖޮއިންޓް ވެންޗަރ އެގްރިމެންޓެއް ހެދުމަށް 29 ނޮޮވެމްބަރު 2011 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށާއި މި ނިންމުމުގައި އޮތީ ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި، މި މަޝްރޫޢުގެ ތެރެއިން، ބިމު ކުލި ދައުލަތައް ލިބެންޖެހޭނެ ކަމަށެވެ.
"ޢަބްދުﷲ ޖިހާދު، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މަގާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ މި ނިންމުމާއި ކަނޑައެޅިގެން ހިލާފަށް އެކަން އެގޮތައް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 13 ޖެނުއަރީ 2013 ވަނަ ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝިއަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރއްގީ ކުރަމުށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމަގައި އޮތް 50 އިއްސައްތައިގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 އިންސައްތަ އޮންނަގޮތައް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިން ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފައި ވޭ." ޕްރޮސިކިއުޓާ ޖެނެލްގެ އޮފީހުން ވިދާޅުވިއެވެ.
ޢަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުކަތައް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވާ ކަމަށާއި މީގެ އިތުރުން، ދައުލަތުގެ 50 އިންސައްތަ ހިއްސާގެ ބަދަލުގައި 25 އިންސައްތައަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ނޭޝަނަލް ޕްލޭނިންގ ކައުންސިލް އަދި ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ ބިމު ކުލި 50 އަހަރުގެ ތެރޭގައި 411،720،00 ޑޮލަރު ދެއްކުމަށާއި ޕްރައިމް ލޮކޭޝަން ޗާޖް 50 އަހަރުގެ ތެރޭގައި 192،993،750 ދެއްކުމަށެވެ. ނަމަވެސް ޖިހާދު ވަނީ މިއިން އެއްވެސް އެއްޗެއް ދައްކަވަން ނުޖެހޭ ގޮތައް ނިންމަވާފައެވެ.
ޕްރޮސިކިއުޓާ ޖެނެލްގެ އޮފީހުން ވިދާޅުވީ، މި މައްސަަލަ 29 އޮގަސްޓް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުނު ކަމަށާއި މި މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ ،މައްސަލައެއް ކަމަށެވެ. ނަމަވެސް، މި މުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް 16 ފެބްރުއަރީ 2016 ވަނަ އަހަރު، އޭރު އެކޮމިޝަނުން ނިންމާފައިވާ ކަމަށާއި މި ނިންމުމުގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވޭ ކަމަށް ބެލުމުގެ ފުރުސަތު އޮތަތީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދަންނަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.




