ޖަޒީރާރާއްޖޭގެ ދުންފަތަށް އަލްވަދާއުކިޔާ ރައްޔިތަކަށްވުމަށް ރައީސް ގޮވާލައްވައިފި

ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ޤައުމު ހެދުމަށްޓަކައި، މިއަދަކީ ދުންފަތަށް އަލްވަދާޢު ކިޔާ ދުވަހަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރި ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދުންފަތް ކޮންޓްރޯލްކޮށް، ރައްޔިތުން ދުންފަތާ ދުރުކުރުމަށް މިސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާޢިދު" އަށް، އިއްޔެ ޢަމަލުކުރަން ފެށުމާއެކު، ވަކި ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވީކަން ފާހަގަކުރައްވައި ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް، ވަކި މުއްދަތަކަށްފަހު މަނާވާނެކަން ބަޔާންކުރައްވާފައިވެއެވެ.

"ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ޤައުމު ހެދުމަށްޓަކައި، މިއަދަކީ އަޅުގަނޑުމެން ދުންފަތަށް އަލްވަދާޢު ކިޔާ ދުވަހަކަށް ހަދަމާތޯ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މުޅި މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި ހަދާފައިވާ މިފަދަ ޤާނޫނުތަކާއި ޤަވާޢިދުތައް، އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް، ތަންފީޒީ އިދާރާތަކަށް ގޮވާލައްވާފައިވެއެވެ. އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން، ފަރުދީ އަދި އިޖްތިމާޢީ ފެންވަރުގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަޤުޞަދާއި ބޭނުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހެއް، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުންފަތުގެ ވަބާއިން އިންސާނުން ސަލާމަތްކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަށް، ދައުލަތްތަކާއި މަދަނީ ޖަމުޢިއްޔާތައް ބައިވެރިވެގެން، މަސައްކަތް ކުރުމަށް ބާރުއެޅުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދުންފަތުގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމުގައި، ހީވާގިކަމާއެކު މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް، އައްސަރިބަހާއި ސާބަސް ރައްދުކޮށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ