އިންޓަމިލާންގެ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފިއެވެ.
ކޮންޓޭ އިންޓަގެ ކޯޗަކަށް ހަމަޖެއްސިކަން އިޢުލާންކޮށްފައިވަނީ ކުރިންހުރި ކޯޗު ލޫސިއާނޯ ސްޕަލެޓީ އިންޓަގެ ކޯޗުކަމުން ވަކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.
ކުރިން ޗެލްސީއަށް ކޯޗުކޮށްދިން ކޮންޓޭ އިޓާލިއަން ސީރީއާ އާއި ގުޅިފައިވާއިރު މިދިޔަ ހޫނު މޫސުމުގައި ޗެލްސީން ވަކިކުރިފަހުން އިތުރު ޓީމަކަށް ކޯޗުކަން ކޮށްދީފައެއްނުވެއެވެ.
މިއީ ހަޔާތުގެ އާ ސަފްޙާއެއްކަމަށާއި މިހުރީ ވަރަށް ޝަޢުޤުވެރިވެފައިކަމަށްވެސް އުމުރުން 49 އަހަރުގެ ކޮންޓޭ ބުނެފައިވާކަމަށް އިންޓަގެ އޮފިޝިއަލް ވެބްސައިޓްގައިވެއެވެ.
އިންޓަގެ ރައީސާއި ޑިރެކްޓަރުންގެ ފުރިހަމަ އިތުބާރު ހޯދުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ކޮންޓޭ ބުނެފައިވެއެވެ.
" އަހަރެން މިކްލަބް ޚިޔާރުކުރީ ކްލަބްގެ ކަންތައްތައް ހުރި ފުރިހަމަކަމުންނާއި، ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމުގެ އުއްމީދު އޮތީމަ. އަދި ކްލަބްގެ ތާރީޚްވެސް އަހަރެންނަށް ވަރަށް ކަމުދޭ " ކޮންޓޭ ބުންޏޭވެ.
މިސީޒަން އިންޓަ ނިންމާލީ ތާވަލުގެ ހަތަރު ވަނާގައި އޮވެއެވެ.
ކޮންޓޭ ޗެލްސީގައި ހޭދަކުރި ދެސީޒަންގައި 1 ޕްރިމިއާ ލީގު، އަދި 1 އެފްއޭ ކަޕް ކާމިޔާބުކޮށްފައިވެއެވެ.
" އަހަރެންނަށް ޔަޤީން ކޮންޓޭއަކީ މިވަޤުތު ހުރި މޮޅެތި ކޯޗުންތަކުގެ ތެރެއިން ކޯޗެއް " އިންޓަގެ ރައީސް ސްޓީވަން ޖާން ބުންޏެވެ. ކޮންޓޭގެ އެހީގައި އިންޓަ ޙާސިލްކުރަން ބޭނުންވާ ލަނޑުދަޑިއަށް ދެވޭނަކަމަށް ސްޓީވެން ޤަބޫލުކުރެއެވެ.




