ދިރާގުން މެގަ އެކްސެސް ނެޓްވޯކް ސޮލިއުޝަން މެދުވެރިކޮށް ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ހިންގަން ނިންމާފައިވާ ކޯސްތަކުގެ ކްލާސްރޫމްތައް ޑިޖިޓަލް ކޮށްދޭން ނިންމައިފިއެވެ.
މިޚިދުމަތުގެ ދަށުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް މާލޭގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގެ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަގުފަހިވެގެންދާއިރު މިޚިދުމަތާއެކު ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާއިން ދަރިވަރުންނަށް މާލޭގައި ތިބޭ މުދައްރިސުންނާ ސުވާލުވެސް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
މިޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ދިރާގުގެ މިޚިދުމަތާއެކު ރަށުގައި ތިބެގެންވެސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ކީރީތި ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވިއެވެ. މިހާރުވެސް ވެސް ޖުމްލަ 91 ދަރިވަރަކު ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ތަޢުލީމު ޙާސިލުކުރަމުންދެއެވެ. އެއީ ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީގައި 65 ދަރިވަރުން އަދި އިމާމްކަމުގެ ޑިގްރީގައި 26 ދަރިވަރުންނެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ތައުލީމާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއްކަމަށް ދިރާގުން ވިދާޅުވިއެވެ.



