ފެށުން "ބަދިގެތެރޭން" މިފަހަރު މިގެނެސްދެނީ ފުރުޓް ޖެލީ ޕުޑިން ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 450ގ. އަލަނާސި ދަޅު
- 1 ޕެކެޓް ރާސްބަރީ ޖެލީ
- ½ 1 ޖޯޑު ކިރު
- 1 ސސ. ހަކުރު
- 2 މސ. ކަސްޓަރޑް ޕައުޑަރ
- ½ ސސ. ވެނީލާ އެސެންސް
- ¾ ޖޯޑު ކްރީމް
- ½ 1 މސ. ހަކުރު
- 8 މާރީ ބިސްކޯދު
ތައްޔާރުކުރާނެގޮތް:
ޖެލީކޮޅު 2 ޖޯޑު ހޫނުފެނަށް ގިރުވާލައިފައި ކުޑަކޮށް ހިހޫވީމާ އަލަނާސިދަޅުގެ 1 ޖޯޑު ސިރަޕް އެއަށް އެއްކޮށްފައި އެތެރެ ފުން ތައްޓަކަށް ޖެލީ ދެބައި ކުރުމަށްފަހު އެއްބައި އަޅާފައި މަތީގައި އަލަނާސި ފޮތިތައް އަތުރާފައި ފިނިކުރަން ފުރިޖްގައި ބަހައްޓާށެވެ.
ދެން ކަސްޓަރޑްކޮޅު ބައި ޖޯޑު ފިނި ކިރުގައި ގިރާލާށެވެ. ބާކީހުރި ކިރާއި ހަކުރު އެއްކޮށްފައި ކައްކަން އުދާލާށެވެ. ކެކިގަތީމައި ގިރާފައި ހުރި ކަސްޓަރޑް ކޮޅު އެއްކޮށްފައި ރޯފިލުމުން ފިނިކުރަން ބެހެއްޓި ތަށީގެ މަތީގައި މި ކަސްޓަރޑް ފަތުރާލާފައި މަތީގައި ބިސްކޯދު ފަތުރާލާފައި އަނެއްކާވެސް ފިނިކުރަން ފްރިޖަށް ލާށެވެ.
ފިނިވީމާ ނަގާފައި ޓްރޭއަކަށް އަނެއްފުށަށް ޖަހާށެވެ. ހޫނުފެނުގައި 10 ސިކުންތުވަރު ބަހައްޓާފައި ފުށުންޖެހީމާ ނައްޓަން ފަސޭހަވާނެއެވެ.