އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ފާއިތުވެ ދިޔަ އަހަރު އިންޑިއާގެ އިގްތިސާދުގެ ކުރިއެރުމުގެ ދުވެލި މަޑުޖެހިފައި ވާކަން ހާމަވެއްޖެއެވެ.
މިގޮތުން، އޭޕްރީލަ 2018 އިން މާރޗް 2019 އަށް އިންޑިއާގެ އިގްތިސާދު ކުރި އަރައިފައިވަނީ 6.8 އިންސައްތައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިންޑިއާގެ އިގްތިސާދު ކުރިއަރައިފައިވަނީ 5.8 އިންސައްތައެވެ.
މިހިސާބުތަކުން އިނގެނީ އިންޑިއާއަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު ނޫންކަމެވެ. އިންޑިއާއިން ފާއިތުވި ދެއަހަރު ދަމަހައްޓަމުން އައި ރިކޯޑް މިހާރު މިވަނީ ޗައިނާއިން ހޯދާފައެވެ.
އިގްތިސާދީ ކުރިއެރުމުގެ މި މަޑުޖެހުން ވެގެންދާނީ ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމާއި މިދިޔަ ހަފްތާގައި ހަވާލުވި އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.



