ޑާކް ރެއިން އެންޓަޓައިންމަންޓުންގެ ކޮމެޑީ ފިލްމް "މާމުއި" ގެ ޓިކެޓް މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ގަންނަން ލިބޭނެއެވެ.
ފާއިތުވި އަހަރު ތަކުގައި ކާމިޔާބު ފިލްމުތަކެެއް ގެނެސްދީފައިވާ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމު "މާމުއި" އަކީ އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމެކެވެ.
ޖުލައި 1 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "މާމުއި" އަކީ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އެޗްއާރްސީއެމްގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
މާމުއިން ބޮޑު ކާސްޓެއް ފެނިގެންދާއިރު، "މާމުއި" ގެ އެންމެ ވަރުގަދަ އެއް ރޯލުން މި ފަހަރު ފެނިގެން ދާނީ އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ހިމެނޭ ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، ނުޒުހަތު (ނުޒޫ) ޝުއައިބް، އަބްދުﷲ (ފުބޫ) ޝާފިއު، މަރިޔަމް (މަޖޫ) މަޖުދާ އަދި އިސްމާއީލް (ޖުމާ) ޖުމައިލް އާއި ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެ އެވެ.
"މާމުއި" ގެ ޓްރެއިލާ މިހާރު ބެލުންތެރިންނަށް ދައްކާލާފާއިވާއިރު، ބެލުންތެރިން ބޭނުންވާ ކަހަލަ ވަރަށް މަޖާ އަދި ތަފާތު ފިލްމަކަށް މާމުއި ވާނެކަން ޓްރެއިލާ ބާލާލުމުންވެސް އެނގިގެންދެއެވެ.