އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބަޑިން ހަމަލާދީ ހަތަރު މީހުން މަރާލައިފިއެވެ.
އޮސްޓްރިއާ ގަޑިން ރޭ 8:00 ގައި ދޭން ފެށި މިހަމަލާތަކުގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ އަންހެނަކާ، ފިރެހެނަކާ އަދި އަންހެން ވެއިޓަރެއްގެ އިތުރުން އެސަރަހައްދުން ދިޔަ ޒުވާން ފިރެހެނެކެވެ.
މި ހަމަލާ ދިންކަމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު އޮސްޓްރިއާ ފުލުހުންވަނީ ހަމަލާދިން މީހާއަށް ބަޑިން ހަމަލާދީ މަރާލައިފައެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ހަމަލާދީފައިވަނީ އެންމެ މީހަކުވެގެންނެވެ.
ހަމަލާދިން މީހާގެ ވަނަވަރު ހާމަކުރަމުން އޮސްޓްރިއާ ފުލުހުންބުނީ، ހަމަލާދީފައިވަނީ އުމުރުން 20 އަހަރުގެ މުސްލިމް ހައްދުފަހަނައަޅައިފައިވާ ޒުވާނެއް ކަމަށެވެ. އަދި މި ޒުވާނަކީ އޮސްޓްރިއާގެ ރައްވެއްސެއް ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި މި ޒުވާނާ އޮސްޓްރިއާގެ ޖަލުން ދޫކޮށްލައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
އޮސްޓްރިއާގެ ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށްވަނީ 14 މީހަކު ހައްޔަރު ކޮށްފައެވެ. ވިއެނާގެ ސަލާމަތީ ކަންކަން މިވަގުތުވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.




