ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ދެ މުއައްސަސާ އާމެދު މިހާރުވަނީ އިހުމާލުވެފައި - ޝަހީމް

ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ދެ މުއައްސަސާ ކަމަށްވާ ޤުރުއާނާ ބެހޭމަރުކަޒާއި އަދި އިސްލާމީ ޔުނިވަރސިޓީގެ ކަންކަމާއިމެދު މިހާރުވަނީ އިހުމާލުވެފައި ކަމަށް ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތުހުމަތު ކުރައްވައިފިއެވެ.

ޝަހީމް އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤުރުއާނާ ބެހޭމަރުކަޒަކީ ނުހަނު ވަރުގަދައަށް ހިގަމުން އައިތަނެއް ކަމަށާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި ވެރިޔަކު ނެތްތާ މިހާރު ހަތް މަސްވަނީ ކަމަށެވެ.

"މި ސަރުކާރު ފެށުނުތަނާ އެތަނުގައި ވެރިޔަކަށް ހުންނެވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެތަނުން އިހާނެތި ގޮތަކަށް ވަކި ކުރެއްވި ފަހުން އަދި މި ވަގުތާ ހަމައަށް ވެސް އެތަނަށް ވެރިޔަކު ނުލައި، އޭގެ ސަބަބުން މުޅި މަރުކަޒު ވަނީ ހުއްޓުމަކަށް އައިސްފައި، ރަށް ރަށުގައި ހިންގަމުން ދިޔަ ގިނަކަންކަން ވަނީ ހުއްޓިފައި، ޤައުމީ ޤުރުއާން މުބާރާތުގެ ކަންކަން ވެސް ވަނީ ހުއްޓިފައި، ޤައުމީ ޤުރުއާން މުބާރާތާއި ސްކޫލް ކުދިންގެ މުބާރާތަށް ވެސް ބަޖެޓް ނުލިބި ކުރިއަށް ނުގެންދެވިފައި" ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިސްލަމީ ޔުނިވަރސިޓީއާއި ބެހޭގޮތުން މި ޕޯސްޓުގައި ޝަހީމް ވިދާޅުވީ، "އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ވަކިވި ފަހުން އެތަނަށް ވެރިޔަކު ޢައްޔަންނުކޮށް ހަތް މަސްވަނީ، މުޅި ތަނުގެ ތަޞައްވަރުވަނީ ހުއްޓިފައި، ގްރެޖުއޭޝަން އައި އިރު ވެސް ވެރިޔަކު ނެތް، ޗާންސެލަރ އަކީ ޔުނިވަރސިޓީގެ ހެޑް، ކައުސިލްގެ ރައީސް، ޑިގްރީ އެންޑޯސް ކުރާ ފަރާތް، ރައްޔިތުންގެ މަޖްލީހަށް ޔުނިވަރސިޓީއާ މެދު ޖަވާބު ދާރީ ވާ ފަރާތް، ޔުނިވަރސިޓީ އަށް ގައިޑް ކޮށްދޭ އެންމެ އިސް ފަރާތް، އެތަނުގައި ވެރިޔަކު ނެތި މިހާ ގިނަ ދުވަސްވުމުގެ ސަބަބުން ޔުނިވަރސިޓީ އަށް ދަނީ ގެއްލުންވަމުން" ކަމަށެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ދެ މުއައްސަސާ އާމެދު މިހާބޮޑު އިހުމާލެއް ވަމުން މިދަނީ ކީއްވެގެންތޯ ޝަހީމް ސުވާލު ކުރެއްވިއެވެ. އަދި ތުހުމަތެއް ކުރައްވަވަން ނެއްކަމަށާއި މި ދެ މުއައްސަސާ ޙިމާޔަތްކުރެއްވުމަށާއި މިތަންތަނުގެ ތަޞައްވަރު ކުރިއަށް ދިޔަ ދިނުމަށް މިތަންތަނަށް ވެރިން އައްޔަންކޮށްދެއްވައި މިތަންތަން ސަލާމަތްކުރުމަށް މި ޕޯސްޓުގައި ޝަހީމް ގޮވާލައްވައިފައި ވެއެވެ.

މި ދިގު ފޭސްބުކް ޕޯސްޓް ނިންމަވާލައްވަމުން ޝަހީމް ވިދާޅުވީ، ތަންތަން އޮޔާ ދަނީ ކަމަށާއި މިތަންތަނަށް މީހުން ލުމުގައި މީހުންގެ ވިސްނުމާއި ފިކުރަށް ބައްލަވައި މެދުމިނުގެ އިސްލާމީ ވިސްނުމުގެ ތަޖުރިބާހުރި މީހުން ލައްވަން ވީކަމަށާއި، ކަންކަމަށް މީހުން އައްޔަންކުރާ އިރު ބަލަންވާނީ އެކަމަށް އެންމެ ޤާބިލް މީހާއަށް ކަމަށެވެ. އެއަށް ނުބަލައި މިވެނި މީހެއްގެ ފިރިމީހާއާއި އެވެނި މީހެއްގެ އަނބިމީހާއާއި ޕާޓީގެ ރައީސްގެ ރަޙުމަތްތެރިއާއާއި މިހެން މީހުން އައްޔަންކުރުމުން މުއައްސަސާތަކަށް ގެއްލުންވާނެ ކަމަށެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އަދި ދާދިފަހުންވަނީ އެ ޖަމާއަތުގެ ގޮތްޕެއްގެ ވެރިއަކަށް އައްޔަން ކޮށްފަ އެވެ. ޝަހީމް އައްޔަން ކޮށްފައިވަނީ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ" ގެ ވެރިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް