2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހުންނަށް އެހީތެރިވެދިން މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި، ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި، ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) އެވެ.

ފުލުހުން ވިދާޅުވީ މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުންނެވެ.
ރޫޓް ފިހާރައިގެ ފައިސާތައް ފޭރެން މަސައްކަތް ކުރާ ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުގައި އައި ހަތަރުމީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރުފެނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.
ރޫޓުގެ ފައިސާ ފޭރެން އުޅުނުމުން ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު އެ މީހުން ހިފަހައްޓާ ފައިސާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.
އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުންގެ ފަހަތުން ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ.




ހިޔާލު
ފައިސާތައް ބޭންކަށް ގެންދާކަން މި 3 މީހުނަށް މަޢުލޫމާތުދިނީ ކާކުބާ؟؟؟؟؟؟؟؟؟؟