އިނގިރޭސިބަހުގެ ރަދީފެއް ކަމަށްވާ "ކޮލިންސް ޑިކްޝަނަރީ" އިން ހޮވި މިއަހަރަގެ ބަހަކަށް "ލޮކްޑައުން" މިބަސް ވެއްޖެއެވެ.
ލޮކްޑައުން އަހަރުގެ ބަހުގެ ގޮތުގައި ކޮލިންސް ޑިކްޝަނަރީއިން ހޮވައިފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިބަސް މިއަހަރުގެ ތެރޭގައި ބޭނުންކޮށްފައިވާލެއް އިންތިހާ ދަރަޖައަށް އިތުރުވެފައި ވުމާއި ގުޅިގެންނެވެ.
ބަހުގެ ރަދީފް އެކުލަވާލާ ބޭފުޅުން މިއަހަރުގެތެރޭ ލޮކްޑައުން މިބަސް ބޭނުން ކުރެވޭނެ 250،000 ވުރެ ގިނަ ގޮތްތައްވަނީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފައި ކަމަށް ކޮލިންސް ޑިކްޝަނަރީއިން މައުލޫމާތު ދެއެވެ.

މިއަހަރުގެތެރޭ ދެން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބޭނުން ކުރެވުނު އިނގިރޭސި ބަސްތަކުގެ ތެރޭގައި، ސެލްފް އައިސޮލޭޝަން، ކީ ވޯކާރ، ސޯސަލް ޑިސްޓެންސިން، އަދި ކޮރޯނާވައިރަސް ހިމެނެއެވެ.
ކޮލިންސް ޑިކްޝަނަރީއިން ބުނެފައިވާ ގޮތުގައި ލޮކްޑައުން މިބަހުގެ މާނައަކީ، ދަތުރުފަތުރު ކުރުމާއި، އިޖުތިމާއީ ގުޅުންތައް ބޭއްވުމާއި، އަދި އާންމު ތަންތަނަށް ނިކުމެ އުޅުން މަނާކުރުމަށް އެޅޭ ފިޔަވަޅުތަކަށް ކިޔާ ނަމެކެވެ.
ލޮކްޑައުން މިބަސް ބޭނުން ކުރުން މިއަހަރުތެރޭ ގިނަވެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން އެޅި ފިޔަވަޅުތަކާއި ގުޅިގެންނެވެ. މިގޮތުން އެޅި ގިނަ ފިޔަވަޅުތައް ބިނާކޮށްފައިވަނީ މީހުން އެއްތަނުން އަނެއްތަނަށް ދިއުން މަދުކުރުމަށެވެ.
މިއަހަރުތެރޭ ދެން އެންމެ ގިނަ އަދަދަކަށް ބޭނުންކުރި ބަސްތައް ބިނާވެގެން ގޮސްފައިވަނީ، ސިޔާސީ ހަރަކާތްތަކުގެ މައްޗަށާއި އިޖުތިމާއީ އެކިއެކި ގުޅުންތަކުގެ މައްޗަށެވެ.



