ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ލަންޑަނުން ޑުބާއީއަށް ދާން އުޅުނު ދެމީހަކު ޙައްޔަރުކޮށްފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން ލަންޑަންގެ ހީތުރޯ އެއަރޕޯޓުން ޙައްޔަރުކޮށްފައިވަނީ ޗެކްރިޕަބްލިކްގެ ދެ ރައްޔިތުންނެވެ. އުމުރުން 26 އަހަރާއި 37 އަހަރުގެ މި ދެފިރެހެނުން ޙައްޔަރުކޮށްފައިވަނީ 1.2 މިލިއަން ޕައުންޑާއެކުގައެވެ.
ބޯޑާރ އޮފިޝަލުން މިމީހުން ހުއްޓުވައި ޗެކްކުރިއިރު މިފައިސާތައް ފެނިފައިވަނީ އެމީހުން ގެންގުޅުނު ތިން ސުއިޓްކޭހުންނާއި 2 އަތް ދަބަހުންނެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު ޙައްޔަރުކުރެވުނު މިމީހުން ޙައްޔަރުކޮށްފައިވަނީ މަނީ ލޯންޑަރިންގެ ތުޙުމަތުގައިކަމަށްވެސް ބްރިޓިޝްގެ ސަރުކާރުން މިއަދުވަނީ ހާމަކޮށްފައެވެ.
އަދި މިއީ މިފަދަ ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ލަންޑަނުން މިދިޔަ މަހެއްހާ ދުވަސްތެރޭގައި ޙައްޔަރުކުރެވުނު ދެވަނަ މީހާއެވެ. މިދިޔަ އޮކްޓޯބަރު މަހުވެސް ގިނަ ފައިސާތަކަކާއެކު ލަންޑަނުން ޑުބާއީއަށް ދިޔުމަށް މަސައްކަތްކުރި އަންހެނަކުވަނީ ހުއްޓުވާފައެވެ. އޭނާ ހުއްޓުވާފައިވަނީ 1.9 މިލިއަން ޕައުންޑާއެކުގައެވެ.



