ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށްވެސް މަސްހޫރު ރާއްޖޭގެ ރަށްތަކަކީ ޒިޔާރަތްކުރަން ނުހަނު ކަމުދާ މަންޒިލުތަކެކެވެ. ބޭރު ދުނިޔޭގެ އިތުރުން ދިވެހިންވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ޗުއްޓީ ހޭދަކޮށްލުމަށާއި، އެކިއެކި ޟަރޫރީ ބޭނުންތަކަށެވެ. ރަހުމަތްތެރިންނަށް ޒިޔާރަތްކުރުމަށާއި، ވަޒީފާ އަދާކުރުމަށެވެ. މިފަދަ ދަތުރުވެރިންނަށް ގިނަ ރަށްތަކުން މަރުޚަބާ ކިޔަނީވެސް ނުހަނު ހިނިތުންވުމާއެކުގައެވެ.
ދިވެހީންގެ ހިތްހެޔޮކަމާއި، ހިނިތުންވުމަކީ ފަތުރުވެރިންނަށް ނޫނަކަސް މުހިންމު ކަމެކެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފައިދާ "ނާޖާއިޒު ގޮތުގައި" ސިފަކުރުމަކީ ގޯހެކެވެ. ކުށްހީއެކެވެ. ހައްދުންމައްޗޭ ބުނުމުން އަދުގެ ޒުވާނުންނަށް ނޭނގުނު ނަމަވެސް "ވިޒިޓް ލާމޭ" ބުނުމުން ނޭނގޭ ޒުވާނަކު މަދުވާނެއެވެ. ކާމިޔާބު ހަރަކާތްތަކާއެކު މުޅި ރާއްޖެއަށް ހިތްގައިމު ލާމު އަތޮޅު މިވަނީ މަޝްހޫރު މަންޒިލަކަށް ވެފައެވެ. މިއާއެކު އެ އަތޮޅަށް ޒިޔާރަތްކުރާ ދިވެހީންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.
ދިވެހީންގެ ރިވެތި ސިފަތައް ގިނަގުނަ ނަމަވެސް ބަލައިގަންނަން ދަތި ބައެއް ސިފަތައްވެސް މުޖުތަމައުން ފެންނަކަމީ ހިތާމައެކެވެ. މިފަހަރު މިއޮތީ "ހަނު" ހުރެވެން ނެތިގެން ތަފާތު ގޮތަކަށް ބައެއްގެ ޝުއޫރު ފާޅުކޮށްފައެވެ. މިފަހަރު ޝުއޫރުފާޅުކޮށް ތަތްކޮށްފައި ހުރިކަމަށްވަނީ ހައްދުންމަތީ މާބައިދޫ ފިހާރައެއްގެ ފާރުގައެވެ. ނޯޓިސްގައި ބުނެފައި ވަނީ ނުހަނު ފުންކޮށް ވިސްނަންޖެހޭ މުހިންމު ވާހަކަތަކެކެވެ. އިހުތިރާމް ކުރުމަކީ މުހިންމު ކަމަކަށްވާއިރު ދަތުރުފަތުރު ކުރުމުގައި އެރަށްރަށުގެ ރަށްވެހިންނަށްވެސް ފުރިހަމައަށް އިހްތިރާމް ކުރުމަކީ ނުކޮށް ދޫކޮށްލެވިގެންވާނެ ކަންކަމެއް ނޫނެވެ.
"ރަށަކަށް އެރޭއިރަށް މީހުންގެ އަންހެން ދަރީންނަށް ގުޅާ އުނދަގޫކުރާކަށް ނުޖެހޭ. އެމީހުންވެސް ކަލޭމެންނަށް ގުޅާ އުނދަގުލެއް ނުކުރާނެ. ކަލޭމެން ތިހީކުރާކަހަލަ ކަސްބީ ބައެއްނޫން މިރަށުގަ އުޅެނީ. އެފާޑަށް ނަންބަރު ދީގެން ގުޅުވާ މީހުންނާއި، ގުޅާ މީހުން ވަރަށް ރަނގަޅަށް އެނގޭ. ތިފާޑަށް މާބައިދޫ އަންހެން ކުދިންނަށް ޖެއްސުންކުރަންޏާ ފޮނިދައްކަން ތުއިދައްކަން ސައިކަލުތަކުގަ ބުރުޖަހަނިކޮށް "ގުއި ކޮތަޅެއް" ޖަހަންޖެހިދާނެ." މީސްމީޑިއާއަށް މިއަދު ތިލަވެގެންއައި ނޯޓިސްގައި ބުނެފައިވެއެވެ.

މިޒާތަށް އަންހެން ކުދިންނަށް ގުޅައި އުނދަގޫލުކުރާ ދެފަރާތެއްގެ މޮބައިލް ނަންބަރުވެސް މި ނޯޓިސްގައި އާއްމުކޮށްފައިވާއިރު، އެ ނަންބަރުތަކުން ރޭގަނޑު ދަންވަރުވެސް "ޖެއްސުންކުރަން" ގުޅާކަމަށް ތުހުމަތުކޮށްފައިވެއެވެ.
ތެދެކެވެ. ރަށަށް ރަހުމަތްތެރިޔަކު އަރާއިރަށް ކޮފީއަށްގޮސް މިވެނި ގޯއްޗެއްގެ މިވެނި ކުއްޖަކަށް ގުޅާށޭބުނެ އެރަށެއްގެ އަންހެން ކުދިންގެ ނަންބަރު ބެހުމަކީ ސަޅިކަމެއް ނޫނެވެ. ތިމާގެ ދައްތައިންނާއި ކޮއްކޮމެންގެ ނަންބަރުވެސް އެހެން މީހުން އެޒާތަށް ބަހަން ބޭނުން ނުވާނެކަން ގައިމެވެ. އެހެންވީއިރު، އެއްވެސް މީހަކު މިފަދަ ކަންކަން ކުރުމަކީ ސަޅި ކަމަކަށް ވާނެ ހަމައެއްވެސް ނުމެއޮންނާނެތާއެވެ.
ދިވެހީންގެ ރިވެތި އަހްލާގީ ސިފަތައް ތާއަބަދަށް ދަމަހައްޓަންޖެހޭއިރު، މިފަދަ ނާތަހުޒީރު ސިފަތައް ދިވެހި މުޖުތަމައުން ފުހެލުމުގެ އަޒުމް ކަނޑައަޅަންޖެހެއެވެ. ދިވެހި ރަށްތަކަކީ އެތައް ބަޔަކު ޒިޔާރަތްކޮށް، ގުދުރަތީ ހިތްގައިމުކަމުގެ އިތުރުން ހިތްހެޔޮ ރަށްވެހީންގެ ދިރިއުޅުން ބަލާލަން ހިނިތުންވުމާއެކު ޒިޔާރަތްކުރެވޭނެ ރަށްތަތަކަށް ހެދޭނީ އެންމެހާ ދިވެހީންވެސް މިފަދަ ކަންކަމަށް ސަމާލުކަންދީގެންނެވެ.




