މެސީ އަދި ރޮނާލްޑޯ - ފޮޓޯ: އެފްސީ ނައިޖާ

ޔޫސީއެލް – އެންމެ ހިތްގައިމު ލަނޑަކަށް ރޮނާލްޑޯ ޔުނައިޓެޑް ކޮޅަށްޖެހި ލަނޑު، މެސީގެ ހިލޭޖެހުމަށް ދެވަނަ

ޔޫއެފާ ޗެމްޕިއަންސް ލީގު މިސީޒަންގެ އެންމެ ރީތި ލަނޑުތައް އިޢުލާންކޮށްފައިވާއިރު އެލިސްޓްގެ އެންމެ ކުރީގައި އުޅެނީ ކްރިސްޓިއާނޯ ރޮނާލްޑޯ ގްރޫޕް ސްޓޭޖްގައި އޭނާ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް ކޮޅަށްޖެހި ލަނޑެވެ. މެދުރޮނގު ކައިރިން ބޮނީޗީ ނަގައިދިން ބޯޅަ ހިތްގައިމު ވޮލީ އަކުން ރޮނާލްޑޯ ޔުނައިޓެޑްގެ ގޯލްތެރެއަށް ވައްދާލިއިރު ބޯޅަ ފެނުގައި ނުޖެހެއެވެ.

ރެއަލްމެޑްރިޑާއެކު މިދިޔަ ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ މިސީޒަންގައި ޔުވެންޓަސްއާއެކު ނިކުމެ ދަތުރުކުރެވުނީ މުބާރާތުގެ ކުއާޓާއާއި ހަމައަށެވެ. ކުއާޓާއިން ކެޓީ އަޔޭކްސް އަތްދަށުވެއެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖައި ޔުނައިޓެޑު ކޮޅަށްޖެހި ހިތްގައިމު ލަނޑާއެކު ރޮނާލްޑޯއަށް މިވަނީ ސީޒަންގެ އެންމެ ހިތްގައިމު ލަނޑުގެ ލިސްޓުގެ އެއްވަނަ ލިބިފައެވެ. ޔުވެންޓަސްވަނީ އެމެޗުގައި 2-1 ން ދަށްވެފައެވެ.

ޔުނައިޓެޑް ކޮޅަށް ރޮނާލްޑޯޖެހި ލަނޑު

މިލިސްޓްގެ ދެވަނަ ލިބެނީ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ބާސެލޯނާގެ ލިއޮނަލް މެސީއަށެވެ. 35 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމަކުން ޖެހި މިރީތި ލަނޑު ފެނިގެންދިޔައީ ސެމީގެ ފުރަތަމަ ލެގުގައެވެ. ފުރަތަމަ ލެގުން ތަފާތު ބޮޑުކޮށް ލިވަޕޫލް އަތުން މޮޅުވިނަމަވެސް ދެވަނަ ލެގުގައި ލިވަޕޫލް އަތްދަށުވެ ބާސެލޯނާވަނީ ކަޓާފައެވެ.

ލިވަޕޫލްކޮޅަށް މެސީ ޖެހި ހިލޭޖެހުން

މިލިސްޓްގެ ތިންވަނަ ލިބެނީ 14 އަހަރަށްފަހު ޔޫރަޕްގެ ރަސްކަމަށްއައި ލިވަޕޫލްގެ ކުރިއަށް ކުޅެމުން އަންނަ ސަޑިއޯ މާނޭއަށެވެ. ގަދަ 16 ގެ ދެވަނަ ލެގުގައި ފެނިގެންދިޔަ މިލަނޑު މާނޭ ޖަހާފައިވަނީ ބަޔާންއާއި ދެކޮޅަށެވެ. އެމެޗުގައި މާނޭ ދެލަނޑު ޖަހާފައިވާއިރު ލިސްޓްގެ ތިންވަނަ ލިބުނީ އެމެޗުގައިޖެހި ފުރަތަމަ ލަނޑަށެވެ. މަތިމަތިން އައި ބޯޅަ މާނޭގެ ފަޔަށް ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްތެރެއަށް ފޮނުވާލީ ކީޕަރު ނޯޔާ ކައިރިން ނައްޓާލުމަށް ފަހުގަައެވެ.

ޔޫއެފާގެ ޓެކްނިކަލް އޮބްޒާވަރުންގެ ޓީމުގައި މިފަހަރު ހިމެނެނީ މޮޔެސް، ރައުލް، ސައުތުގޭޓް އަދި ރޮބާޓޯ މާޓިނޭޒްއެވެ.

މިސީޒަންގެ އެންމެ ހިތްގައިމު 10 ލަނޑު

  1. ކްރިސްޓިއާނޯ ރޮނާލްޑޯ ( ޔުވެންޓަސް – މެންޗެސްޓާ ޔުނައިޓެޑް ) ގްރޫޕް ސްޓޭޖް
  2. ލިއޮނަލް މެސީ ( ބާސެލޯނާ – ލިވަޕޫލް ) ސެމީ ފައިނަލް ފުރަތަމަ ލެގު
  3. ސަޑިއޯ މާނޭ ( ބާޔާން މިއުނިކް – ލިވަޕޫލް ) ގަދަ 16 ގެ ދެވަނަ ލެގު
  4. އިވާން ރަކިޓިޗް ( ޓޮޓޭންހާމް – ބާސެލޯނާ ) ގްރޫޕް ސްޓޭޖް
  5. ލެރޯއީ ސާނޭ ( މެންޗެސްޓާ ސިޓީ – ހޮފެންހޭމް ) ގްރޫޕް ސްޓޭޖް
  6. ކިލިއަން އެމްބާޕޭ ( މެންޗެސްޓާ ޔުނައިޓެޑް – ޕީއެސްޖީ ) ގަދަ 16 ގެ ފުރަތަމަ ލެގު
  7. ރަހީމް ސްޓާލިން ( މެންޗެސްޓާ ސިޓީ – ޝަކްތަރު ޑޮނެސްކް ) ގްރޫޕް ސްޓޭޖް
  8. އޮސްމާން ޑެމްބެލޭ ( ބާސެލޯނާ – ޓޮޓޭންހާމް ) ގްރޫޕް ސްޓޭޖް
  9. ޕިލިޕޭ ކުޓީނިއޯ ( ބާސެލޯނާ – މެންޗެސްޓާ ޔުނައިޓެޑް ) ކުއާޓާ ފައިނަލް ދެވަނަ ލެގު
  10. ލުއިސް ސުއަރޭޒް ( ބާސެލޯނާ – ލިވަޕޫލް ) ސެމީ ފައިނަލް ފުރަތަމަ ލެގު
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ