އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ބަތަލް ޝަހީރު ޝެއިހް ކައިވެނި ކޮށްފިއެވެ.
ސްޓަރޕްލަސް އިން ގެނެސްދިން "ޔެ ރިޝްތޭ ހޭން ޕިޔާރުކޭ" ގައި އަބީރުގެ ރޯލުން ފެނުނު ޝަހީރު ކައިވެނި ކޮށްފައިވަނީ ރުޗިކާ ކަޕޫރު އާއިއެވެ. ކޮވިޑް 19 ގެ ސަބަބުން ބޮޑު ހަފްލާ އެއް ނުބާއްވާ ޝަހީރު ކައިވެނި ކުރީ ކޯޓްގައެވެ. ކައިވެނި ކުރުމަށް ފަހު މުމްބާއީގައި ހުންނަ ރުޗިކާގެ ގޭގައި ކުޑަކުޑަ ޕާޓީއެއް ބޭއްވުމަށްފަހު އެދެމެފިރިން ވަނީ ޝަހީރުގެ އުފަން އަވަށްކަމަށްވާ ޖައްމޫ އަށް ގޮސްފައެވެ.
ޝަހީރު އެންގޭޖްކުރި ކަމުގެ ހަބަރު މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސަޕޯޓަރުންނަށް ދިނުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އޭނާ އެވަނީ ކައިވެނި ކުރި ކަމުގެ އުފާވެރި ހަބަރުވެސް ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ. އެގޮތުން ކޮވިޑްގެ ހާލަތު ރަނގަޅުވުމުން މިއަންނަ އަހަރުގެ ޖޫން މަހު ޝަހީރުގެ ކައިވެނި ހަފްލާ ބޭއްވުމަށް އޭނާ ވަނީ ނިންމާފައެވެ.
އެގޮތުން ލޯބިވާ އަނބިމީހާއަށް ތައުރީފް ކުރަމުން ޝަހީރު ބުނީ އޭނާ އާއި ރުޗިކާއަކީ އެންމެ ފުރަތަމަ ދެ އެކުވެރިން ކަމަށެވެ. އެކްޓަރަކަށް ވުމުން އަބަދު ކެމެރާ ކުރިމަތީގައި އެކްޓް ކޮށްފައި ގެއަށް އައިސް ރުޗިކާ އާއި އެކު އެއްވެސް އެކްޓެއް ކުރުމަކާއިނުލައި ޝަހީރުއަށް ވެގެން އުޅެވޭ ކަމަށް އޭނާ ބުންޏެވެ.
ރުޗިކާ އަދި ޝަހީރު ދިމާވީ މީގެ ދެއަހަރު ކުރިން ފިލްމު " ޖަަޖްމެންޓަލް ހޭ ކިޔާ" ގެ ސެޓްގެ ތެރެއިންނެވެ. ރުޗިކާ އަކީ މަޝްހޫރު ޕްރޮޑިއުސަރ އެކްތާ ކަޕޫރުގެ ފިލްމު ޑިވިޝަންގެ ހެޑްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.




