ޑިޕްރެޝަން ތަހައްމަލު ކުރަމުން އައި 35 އަހަރުގެ އަންހެނަކު އޭނަގެ 4 އަންހެން ދަރިން މަރާލުމަށްފަހު، އަމިއްލައަށް މަރުވާން އުޅެފިއެވެ.
މިއީ ނިއު ދެއްލީގެ ހަރްޔަނާ ސްޓޭޓްގައި ހިނގި ހާދިސާއެކެވެ. ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ރިޕޯޓުކޮށްފައިވަނީ، މިދިޔަ ހުކުރު ދުވަހު އެ އަންހެންމީހާގެ ފިރިމީހާއެވެ. އެގޮތުން މަރާލާފައިވަނި، އެމީހުންގެ ހަ އަހަރާއި އަށް އަހަރަށް ދާ ކުޑަ ހަތަރު އަންހެން ދަރިންނެވެ. މި ކުދިން މަރާލައިފައިވަނީ، ކަރުގައި ވަޅި އަޅައިގެންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ކުދިންގެ މަންމަ ފެނިފައިވަނީ ގޭތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ މިހާރު އޮތީ އައިސޫގައި ކަމަށާއި، އަދި އޭނަގެ ހާލު ރަނގަޅުވުމުން ފުލުހުން އޭނަގެ ސްޓޭޓްމެންޓް ނަގާނެކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި މި ކޭސް ރެޖިސްޓަރ ކޮށްފައިވަނީ، މާޑާ ކޭސްއެއްގެ ގޮތުގައެވެ.
މި އަންހެންމީހާ އޭނަގެ ހަތަރު ދަރިން މަރާލާފައިވާއިރު، މި ކޭސްއަކީ އަންހެންމީހާގެ ނަފްސާނީ ބަލިކަމާއި ގުޅުން ހުރިކަމަށް ވެދާނެކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން މި އަންހެން މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފައެއްނުވެއެވެ.
ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަންހެން މީހާ ޑިޕްރެޝަން ތަހައްމަލު ކުރަމުން ދިޔައީ ފިރިމީހާއާއި ދެމެދު ޖެހިފައިވާ މައްސަލަތަކެއްގައެވެ. އެގޮތުން މައްސަލަޖެހި ހަމަނުޖެހުން އުފެދުނީ އެ ދެމީހުންގެ ފިރިހެން ކުއްޖަކު ނުހުންނާތީކަމަށް ފިރިހެންމީހާ ފުލުހުން ކައިރީ ބުނެފައިވެއެވެ.
ފުލުހުން ބުނީ، ބުރާސްފަތި ދުވަހުގެ ރޭ އެ އަންހެންމީހާގެ ފިރިމީހާ ބޭރަށް ގޮސްފައިވަނީ، އަވައްޓެރި އާއިލާއެއްގެ ތިން މެންބަރުން މަގުމަތީގައި ދިމާވެ އެކްސިޑެންޓެއްގައި މަރުވުމާއި ގުޅިގެން އެއާއިލާއަށް ޒިޔާރަތްކުރުމަށެވެ. އަދި އޭގެ އަނެއް ދުވަހު ހެނދުނު ތިނެއް ޖަހާއިރު ގެއަށް އައިރު، ގޭގެ ދޮރުގައި ޓަކި ޖެހުމުންވެސް ދޮރު ނުހުޅުވިކަމަށްވެއެވެ.
ގޭގެ މައިދޮރު ނުހުޅުވުމުން، ކުޑަދޮރު ހަލާކުކޮށްލައިގެން ގެއަށް ވަންނަން މަސައްކަތްކުރި ގަޑީގައި އޭނަގެ ދެ އަންހެން ދަރިން ކޮޓަރީގެ އެނދުމަތީގައި ލޭ ތަކާއެކު އޮތްތަން ފެނުނު ކަމަށް އޭނާ ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ހަމަ އެވަގުތު އަލާމް އެޅުމުން، ގޭގެ ދޮރު ހަލާކޮށްލީ އަވައްޓެރިންނާއި އާއިލާ މީހުން ވެގެންކަމަށް ފުލުހުން ބުންޏެވެ. އަދި ވަންއިރު، އޭނަގެ އަނެއް ދެ އަންހެން ދަރި އެހެން އެނދެއްގައި މަރާލާފައި އޮތްއިރު، އެކުދިންގެ މަންމަ އޮތީ އޭނަގެ ކޮޓަރީގައި ކަމަށް ފުލުހުން ބުންޏެވެ.
އަންހެންމީހާގެ ކަރުގައި އަނިޔާގެ ދެ ނިށާން ފެންނަން ހުރިއިރު، ބެލެވޭ ގޮތުގައި ވަޅިން އާނަގެ އަންހެން ދަރިން މަރާލުމަށްފަހު އަމިއްލައަށް ހަށިގަނޑަށް އަނިޔާކޮށްފައިވާކަން ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ.
ހޯދި ތަހުޤީގުން އެނގުނު ގޮތުގައި، އެ ގޭގެ މައި ގޭޓުންނާއި އަދި އެއްވެސް އެހެން ތަނެއް ހަލާކުކޮށްލައިގެން މީހަކު ގެއަށް ވަންނަން މަސައްކަތްކޮށްފައިވާކަން ފާހަގަވާން ނެތްކަމަށް ފުލުހުން ބުންޏެވެ. އަދި ކޮޓަރިތައް އެތެރެއިން ތަޅުލާފައިވާއިރު، އެހެން މީހަކު ވަދި އެ އަމަލު ހިނގާފައިވާކަމަށް ނުބެލެވޭކަމަށް ފުލުހުން ރިޕޯޓުކޮށްފައިވެއެވެ.
މި ދެމަފިރިން ކައިވެރނި ކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި ފިރިމިހާ މައުލޫމާތު ދިންގޮތުގައި، އޭނަގެ އަންހެނުން ޑިޕްރެޝަނަށް ގޮސްފައިވަނި އެމީހުންނަށް ފިރިހެން ކުއްޖަކު ނުލިބޭތީއެވެ. މީގެ އިތުރުން އެ އަންހެން މީހާގެ ކުރީގެ ކައިވެންޏަކަށް އަންހެންކުއްޖަކު ލިބިފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެ އަންހެންކުއްޖާ އޭޏަގެ ބައްޕަ ގާތު އުޅޭއިރު، އެ ކުއްޖާ އަންހެންމީހާގެ ކައިރިއަށް ގެންނަން މަސައްކަތް ކުރި ނަމަވެސް، ފިރިމީހާ އެކަމާއި ޤަބޫލު ނުވީކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެގޭގެ އަވައްޓެރިން ދިން މައުލޫމާތަށް ބަލާއިރު، އެމީހުން ބުނީ މި ދެމަފިރިންނަކީ ވަރަށް ގިނައިން މައްސަލަޖެހި ތަޅާފޮޅާ ދެމީހުންކަމަށެވެ. އަދި ދެމީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ނުލިބޭތީވެ، ފިރިމީހާ އެކަމުގެ ތުހުމަތު އަންހެން މިހާގެ ބޮލުގައި އަޅުވާކަމަށް ބުނެފައިވެއެވެ.
ނަމަވެސް ފިރިމީހާ މިވާހަކަތައް ދޮގުކުރެއެވެ. އެގޮތުން ފިރިހެން ކުއްޖަކު ބޭނުންވަނީ އޭނާކަމަށް ދެކޮޅުހަދާ، އޭނާ ބުނީ އޭނަހެ ހަތަރު އަންހެންދަރިން ދެކެވެސް އޭނާ ވަރަށް ލޯބިވާކަމަށެވެ.
މަރާލާފައިވާ ތުއްތު ހަތަރު އަންހެންކުދިންގެ ހަށިގަނޑު ޕޯސްޓް މޯޓެމް ހެއްދުމަށްފަހު، މިހާރު ވަނި އެކުދިންގެ ބައްޕައާއި ހަވާލުކޮށްފައިކަމަށް ފުލުހުން ބުންޏެވެ. އަދި މި ކުދިން މަރުވެފައިވަނީ، ކަރުގެ ނާރު ބުރިކޮށްލުމުގެ ސަބަބުން، ވަރަށް ގިނަ ލޭ ހަށިގަނޑުން ބޭރުވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވެއެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.




