ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާއަށް ވާނެ ގޮތް އެނގޭތަ؟

މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަނީ ވަރަށް ނާޒުކް ގުޅުމެކެވެ. ހަމައެޔާއިއެކު އެ ގުޅުމަކީ ދުނިޔޭގައިވާ އެންމެ ހާއްސަ ގުޅުންވެސް މެއެވެ. ދަރިންނާއި ދޭތެރޭ ހަރުކަށިކޮށް ކަންތައް ކޮށް އަދަބު ދިނުމުން ކުދިންގެ އަހްލާގު ރަނގަޅުވެ ބަސްއަހައިގެން އުޅޭ ކަމަށް ބައެއް ބެލެނިވެރިން ގަބޫލުކުރާއިރު، އަނެއްބައި ބެލެނިވެރިން ބޭނުންވަނީ ދަރިފުޅުގެ ގާތް އެކުވެރިއަކަށް ވެގެން ދަރިފުޅަށް ރީތި އާދަތައް ދަސްކޮށްދޭށެވެ. ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާއަށް ވެގެން ހުރެވެސް ބައެއް ފަހަރު ހަރުކަށިވެ ކުއްޖާގެ އުޅުން އިސްލާހު ކުރެވިދާނެއެވެ. އެހެންކަމުން ދަރިފުޅުގެ ގާތް އެކުވެރިއަކަށް ވާން ބޭނުންވާނަމަ މައިންބަފައިން ކުރަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.

ދަރިފުޅުގެ ގާތް އެކުވެރިއަކަށް ވުމަށް ބޭނުންވާނަމަ، އެކުއްޖާއާއި އެކު ވަގުތު ހޭދަކުރަމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ވަޒީފާ މާހައުލުގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ކަމުގައި ވީނަމަވެސް ވަގުތު ހުސްކޮށްގެން ވެސ ދަރިފުޅާއިއެކު އުފާވެރި މަޖާ ވަގުތު ހޭދަކުރާށެވެ. މައިންބަފައިން މަސައްކަތު މާހައުލުގައި ބުރަވުމުގެ ސަބަބުންނާއި، ގޭތެރޭ ކަންކަމުގައި އަވަދިނެތި އުޅުމުގެ ސަބަބުންނަށް ދަރިފުޅަށް ވަގުތު ނުދެވޭތީ އެކަމާއި ގިނަ ކުދިން ޝަކުވާ ކުރެއެވެ. އެހެންކަމުން ދަރިފުޅާއި މައިންބަފައިންނާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް، ދަރިފުޅު ގޮވައިގެން ބޭރަށް ގޮސް، ދަރިފުޅު ކުރާ ހިތްވާ ކަންކަން ކުރުމުގައި ކޮންމެވެސް ވަރަކަށް ވަގުތު ހޭދަކުރާށެވެ.

ދަރިފުޅު ދިރިއުޅުމުގައި ނިންމާ ނިންމުންތަކަށް އެއްބާރުލުންދީ އެނިންމުންތަކަށް އިހްތިރާމު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދަރިފުޅު ކުރިމަގުގައި ކުރިއަށް ދާން ބޭނުންވާ ދާއިރާގެ ވާހަކަ ބުނުމުން މައިންބަފައިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ދަރިފުޅަށް މަޖުބޫރު ނުކުރާށެވެ. އޭގެ ބަދަލުގައި ދަރިފުޅު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް އެކުއްޖާއަށް ހިތްވަރު ދޭށެވެ. ދަރިފުޅަށް އެކުއްޖާގެ ދިރިއުޅުމުގެ ނިންމުންތައް އަމިއްލައަށް ނިންމުމުގެ ފުރުސަތު ދޭށެވެ. ގޯސް ނިންމުމެއް ނިންމާ ނަމަ ރީތިކޮށް ވިސްނައިދީ ރަނގަޅު ގޮތް ކިޔައިދޭށެވެ.

ދަރިފުޅު ކުރާ ހުރިހާ ކަމެއްގައި ފާރަވެރިވެ ކުއްޖާ އިތުބާރު ނުކުރުމަކީ ވަރަށް ގިނަ މައިންބަފައިންގެ ފުށުން ފެންނަ ސިފައެކެވެ. ހަގީގަތުގައި ދަރިފުޅަށް އިތުބާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު ކުރާ ކަންކަމަސް ޝައްކުނުކުރާށެވެ. ބޭކާރު ކަންކަމުގައި ޝައްކުކޮށް، އަބަދު ކުއްޖާއަށް ފާރަލުމަކީ ދަރިފުޅާއި މައިންބަފައިންނާއި ދެމެދު އޮންނަ ގުޅުން ހީނަރުވަ ކަމެކެވެ. އެހެން މީހުން ދައްކާ ވާހަކަ ގަބޫލުކުރުމުގެ ބަދަލުގައި ދަރިފުޅު ކައިރި ރީތިކޮށް ސުވާލުކޮށް ކަަންކަން ސާފުކުރާށެވެ. ކޮންމެ ގުޅުމެއް ދެމެހެއްޓުމުގައިވެސް އިތުބާރު ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ