ޓެލެވިޒަން އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ހީނާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
އެގޮތުން ސްޓަރ ޕްލަސްއިން ގެނެސްދިން ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން ބެލުންތެރިންގެ މެދުގައި މަގްބޫލްވި ހީނާ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ އޭނާގެ އާއިލާ އަދި ލޯބިވެރިޔާ އާއިއެކުގައެވެ.
އެގޮތުން ހީނާ އޭނާގެ ލޯބިވެރިޔާ އަދި އާއިލާއާއި އެކު ޗުއްޓީ ހޭދަކުރަމުން ދަނީ ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ. އެގޮތުން ހީނާ ވަނީ އޭނާގެ އޮފިޝަލް ފޭސްބުކް އެކައުންޓްގެ ސްޓޯރީގައި ފުރަވެރި ރިސޯޓްގެ ބައެއް މަންޒަރުތައް ހިއްސާކޮށްފައެވެ.
ހީނާ ވަނީ މިދިޔަ އަހަރު ފަހުކޮޅު ރިލީޒް ކުރި ފިލްމު "ހެކްޑް" އިން ބޮލީވުޑަށް ވެސް ތައަރަފްވެފައެވެ. ހީނާ ވަނީ ކަލާސް ޓީވީ އިން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސްގައިވެސް ބައިވެރިވެފައެވެ. މީގެ އިތުރުން ނާގިން 5 އަދި ހަތުރޯން ކީ ކިލާޑީ އިން ވެސް ވަނީ ހީނާ ފެނިގެން ގޮސްފައެވެ.
މިދުވަސްކޮޅަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެ ވަރަށް މަޝްހޫރު ދުވަސްވަރެކެވެ. އެގޮތުން ބޮލީވުޑްގެ ގިނަ ފަންނާނުންނެއް ވަނީ މިވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އޭގެ ތެރޭގައި ޓައިގާ ޝްރޮފް، ދިޝާ ޕަޓާނީ، ވަރުން ދަވަން އަދި ސޮނާކްޝީ ސިންހާ ހިމެނެއެވެ.



