އަޅުގަނޑަށް ބަންދުގެ ހުރިހާ ގޮތްތަކެއް ވަނީ ތަޖުރިބާ ކުރެވިފައި: މަޢުމޫން

ކުރީގެ ރައީސް މަޢުމޫން ޢަބްދުއްޤައްޔޫމަށް ބަނދުގެ ހުރިހާ ގޮތްތަކެއް ތަޖުރިބާ ކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓްއަށް އެއް އަހަރު ފުރުމާއި ދިމާކޮށް އެ ޕާޓީގެ ލީޑަރ ރައީސް މަޢުލޫން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ވަކި ކަހަލަ ކަންތައްތަކެއް ގިނަ ފަހަރަށް ތަޖުރިބާ ކުރަންވީމާ އެކަން އެއީ މާ ބޮޑު ކަމަކަށް ނުވާނެ ކަމަށާއި އެކަމަށް ހުންނާނީ އާދަވެފައިކަމަށެވެ.

ރައީސް މަޢުމޫން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާޞިރުގެ ދަޢުރުގައި އެމަނިކުފާނު ގޭގައި ބަންދުކޮށްފައިވާކަމަށާއި، އަދި ޖަލުގައި 50 ދުވަސް ވަންދެން ކުޑަ ގޮޅީގައިވެސް ބަންދުކޮށްފައި ބޭއްވިކަމަށެވެ. އޭގެ ފަހުން ޝަރީއަތް ކޮށް އެމަނިކުފާނު 4 އަހަރަށް އަރުވާލާފައިވާކަމަށް ރައީސް މަޢުމޫން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ބަންދުގެ ހުރިހާ ގޮތްތަކެއް ވަނީ ތަޖުރިބާ ކުރެވިފައި" ރައީސް މަޢުމޫން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު 7 މަސް ދުވަހު ޖަލުގައި ބޭއްވިކަން ފާހަގަކޮށް ވިދާޅުވެފައި ވަނީ އޭގެ ފަހުން ދެން ޖަލަށް ލިޔަސް ކުރާނެ މާބޮޑު އަސަރެއް ނޯންނާނެ ކަމަށެވެ.

އެމްއާރުއެމް އަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. އެގޮތުން އެ ޕާޓީއަށް އެއް އަހަރު ފުމާއި ދިމާކޮށް ބޭއްވި ޖަލްސާގައި އެ ޕާޓީން ވަނީ މި ސަރުކާރާއެކު ދެމި އޮންނާނެކަމަށް އެޕާޓީން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އެގޮތުން ރައީސް މަޢުމޫން ވިދާޅުވީ ސަރުކާރުގެ ވަރަށްގިނަ މުހިންމު މަޤާމްތަކެއް އެޕާޓީގެ މެންބަރުން ފުރުއްވަމުން ގެންދަވާކަމަށާއި އޭގެ ތެރޭގައި ކެބިނެޓް މިނިސްޓަރުކަމާއި، ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުންގެ ނައިބު ކަމުގެ އިތުރުން ކުންފުނި ތަކުގެ އެމްޑީކަމުގެ މަޤާމްވެސް އެ ޕާޓީގެ ބޭފުޅުން ފުރުއްވަމުން ގެންދަވާކަމަށެވެ.

"އެބޭފުޅުންގެ އިޚްލާސްތެރި ޚިދުމަތް ދިވެހި ޤައުމަށް ލިބެމުން އެބަދޭ" ރައީސް މަޢުމޫން ވިދާޅުވިއެވެ.

ރައީސް މަޢުމޫން ވިދާޅުވީ އެއީ އެބޭފުޅުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އަދި ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އެ ބޭފުޅުންގެ ޚިދުމަތުން އެމްއާރުއެމް އަކީ ވަރަށް މިނިވަން ޒިންމާދާރު ޚިދުމަތްތެރި ޕާޓީއެއް ކަމުގައި ޤަބޫލު ކުރަމުން ގެންދާކަމުގައި ރައީސް މަޢުމޫން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤައުމަށް ދިމާވެފައިވާ މައްސަލަތަކުގައި އެ ޕާޓީ ދެކޭގޮތް ސަރުކާރަށް ދެންނެވުމުގެ ފުރުޞަތު ފަހިވެފައި އޮންނަކަމުގައިވެސް މަޢުމޫން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ