"ސަޕައިޑަރމޭން 3"ގައި 3 ސްޕަރިޑަރމޭން އެއްކޮށް!

މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ ތެރެއިން ގެނެސްދޭ "ސްޕައިޑަމޭން" ފިލްމްގެ ތިންވަނަ ބައިގެ މަސައްކަތް ކޮވިޑް-19ގެ ލޮކްޑައުންގައި ހުއްޓިފައި އޮތުމަށްފަހު، ފިލްމްގެ ޝޫޓިން ފަށައިގެން ބާރަށް ކުރިއަށްދާއިރު، ސޮނީގެ ކުރީގެ ސްޕައިޑަރމޭން ފިލްމްތަކުގައި އެ ރޯލު އަދާކުރި އެކްޓަރު ޓޯބީ މެގުއައޭ އާއި އެންޑްރޫ ގާރފީލްޑް މި ފިލްމަށް، އެނބުރި އަންނާނެކަމަށް އަޑުފެތުރި ޙަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.

މާވެލް ސްޓޫޑިއޯ އާއި ސޮނީއިން މިހާރު ގެނެސްދޭ، މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ "ސްޕައިޑަރމޭން ފިލްމް" ގައި މިހާރު އެ ރޯލު އަދާކުރަމުން އަންނަނީ ޒުވާން އެކްޓަރު، ޓޮމް ހޮލެންޑްއެވެ.

"ސަޕައިޑަރމޭން 3" ގެ ޓައިޓަލް ނަން ހާމަނުކުރިނަމަވެސް، މިއީ މާވެލް އާއި ސޮނީއިން 2018 ވަނަ އަހަރު ގެނެސްދިން ސްޕައިޑަރމޭންގެ އެނިމޭޓެޑް ފިލްމް "ސަޕައިޑަރމޭން: އިންޓުދަ ސްޕައިޑަރވާރސް"ގެ ލައިވް އެކްޝަން ފިލްމެއްކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން އެންމެ ފުރަތަ ސްޕައިޑަރމޭން ފިލްމްތަކުގައި އެ ރޯލު އަދާކުރި އެކްޓަރު ޓޯބީ، އަދި އޭގެ ފަހުން "އެމޭޒިން ސްޕައިޑަރމޭން" ގައި އެ ރޯލު އަދާކުރި އެކްތާރު އެންޑްރޫ، "ސަޕައިޑަރމޭން 3"ގައި ޓޮމް ހޮލެންޑްއާއެކު ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، "ސަޕައިޑަރމޭން 3"ގައި، މީގެ ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ވިލަން ކެރެކްޓަރ "އެލެކްޓްރޯ" ގެ ރޯލުން ޖޭމީ ފޮކްސް އެނބުރި އަންނާނެކަން ވަނީ ކަށަވަރުވެފައެވެ. ހަމައެއާކު، ސްޕައިޑަރމޭން ފިލްމްތަކުން ފެނިގެންގޮސްފައިވާ ވިލަން ކެރެކްޓަރ "ޑޮކްޓަރ އޮކްޓޮޕޮސް" ގެ ރޯލުން އަލްފްރިޑް މޮލިނާސް ވެސް އެނބުރިއަންނާނެކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން، ކުރީގެ ސްޕައިޑަރމޭން ފްރެންޗައިސް ތަކުގައި، ސްޕައިޑަރމޭޏްގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް ކްރިސްޓަން ޑަންސްޓް އާއި އެމާ ސްޓޯންވެސް އެނބުރި އަންނާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ވާހަކަތަކާއި ގުޅޭގޮތުން މާވެލް އަދި ސޮނީއިން އަދި އެއްވެސް ބަހެއް ބުނެފައި ނުވީނަމަވެސް، މި ވާހަކަތަކަކީ ހަޤީގަތެއްނަމަ މިއީ މިހާތަނަށް ނުކުންނާނެ ސްޕައިޑަރމޭންގެ އެންމެ ހިޓް ފިލްމަށް ވެގެންދާނެއެވެ.

"ސަޕައިޑަރމޭން 3" ސިނަމާތަކަށް އަންނޭނަކަމަށް ބެެލެވެނީ، 17 ޑިސެމްބަރު 2021 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ