ޝަރުޢީ އަތްނބެއްތޯ؟ ޤާނޫނީ އަތްނބެއްތޯ؟

މި ފަހުން ރަށުތެރޭ އެއް އަޑަކަށް ރީއެޅިފައި މިވަނީ ޒިނޭގެ ވާހަކައިންނެވެ. ޒިނޭގެ މައްސަލަ ތަކުގައި ގޮތް ނިންމާނެ ގޮތަކާމެދު ގޮތެއް ނުނިމިގެން އުޅޭ ވާހަކައެވެ. ކޮށްގެން އުޅެނީ ޝަރުޢީ ޒިނޭއެއްތޯ؟، ނޫނީ ޤާނޫނީ ޒިނޭއެއްތޯ؟ ބަހުސް ކުރަނީއެވެ. މިހެން މިވަނީ ޒިނޭ ކުރުން އާންމުވެފައިވާލެއް ގިނަކަމުން ބާއެވެ؟

ޒިނޭގެ ދެ ވައްތަރު އޮންނަނަމަ، ކާވެނީގެ ވެސް ދެ ވައްތަރު ނޯވެ ނުދާނެއެވެ. އާދޭހެވެ! ތިޔަ ގެންގުޅެނީ ޝަރުޢީ އަތްނބެއްތޯ؟ ނުވަތަ ޤާނޫނީ އަތްނބެއްތޯ؟ ކުރެވޭ ސުވާލަކީ މިއީއެވެ. ކޮންމެ މީހެއްގެ ވެސް ޖަވާބަކަށް ވާނީ ޝަރުޢީ އަތްނބެއް ކަމަށް ބުނުމެވެ. މި ޖަވާބު ގޯހެއް ވެސް ނުވާނެއެވެ.

ތަޙުޤީޤީ ނަޒަރަކުން މި މައްސަލައަށް ބަލާ ނަމަ، މިއީ ވަރަށް ގިނަ ގޮތް ގޮތަށް ވާހަކަ ދެއްކުމަށް ދޮރުތަކެއް ހުޅުވިފައިވާ މައުލޫއެކެވެ. ކާވެނި ރަޖިސްޓަރީ ކުރުމާއި ނުކުރުމުގެ މައްސަލަވެސް ބަޔަކު މީގެ ތެރެއަށް ވައްދަފާނެއެވެ. ޤައުމުން ބޭރުގައި ކޮށްފައިވާ ބައެއް ކާވެނި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ނުވެގެން އުޅޭބަޔަކު މަދުން ނަމަވެސް އެބަ ފެނެއެވެ. އިދާރީގޮތުން ކަމެއް ފުރިހަމަ ނުވެގެން، ނުވަތަ ލިބެން ހުރި މައުލޫމާތު އަދާ ހަމަނުވެގެން، ނުވަތަ އެނޫންވެސް އެހެން މައްސަލައެއް އޮވެގެންނެވެ.

އިދާރީ މައްސަލައެއް އޮތްނަމަ، ޤާނޫނީ ގޮތުން އެ ކާވެނި ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ. އަދި ކާވެނި ކޮށްފައިވަނީ އިސްލާމީޝަރީޢަތާ އެއްގޮތަށް ކަމުގައި ވާނަމަ، އެ ކާވެނި ޝަރުޢީ ހަމައިން ބޭރެއްވެސް ނުކުރެވޭނެއެވެ. މިޙާލަތުގައި އެ ވާނީ ޝަރުޢީ ކާވެންޏަކަށެވެ. ހުންނާނީ ޝަރުޢީ އަތްނބެކެވެ. އެކަމު އެއީ ޤާނޫނީ ކާވެންޏެއް ނޫނެވެ. އަދި އެއީ ޤާނޫނީ އަތްބަކަށް ވެސް ނުވާނެއެވެ.

އެފަދަ މީހުން އެއްދާން ކުރާނަމަ އެކުރަނީ ކޮންކަމެއް ތޯއެވެ؟ އެ ވާނީ ޤާނޫނީ ޒިނޭއަށް ތޯއެވެ؟ ހަމަ ގައިމުވެސް ކާވެންޏެއްގެ ތެރޭ އެއްދާން ކުރުން ޝަރުޢީގޮތުން ޒިނޭއަކަށް ނުވާނެއެވެ.

ބޭރު ޤައުމެއްގައި ކާވެނިކޮށް، ރާއްޖެ އައުމުގެ ކުރިން އެ ކާވެންޏަށް ލިބިފައިތިބި ދަރިންވެސް ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކުރުމަށް ހުރަސްތަކެއް ހުންނާނެއެވެ. އެއްވެސް ފަރާތަކުން ދަރިއަށް ދެރަ ޙުކުމެއް ނުކުރެއެވެ. ދިވެއްސެއްގެ ދަރިއަކަށް ވީތީ ދިވެއްސަކަށް ވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވެސް ޤަބޫލު ކުރެއެވެ. އެހެނަސް އެ ކަމަށް ދޭނެ ފަރުވާއެއް ޤާނޫނީ އިމުގެ ތެރެއިން ހޯދޭކަށް ނެތެވެ. އެކުދިންނަށް ގެއްލޭ ޙައްޤުތައް ދެކޭނެ ލޮލެއްވެސް އިންސާނީ ޙައްޤުތައް ރައްކަތެރިކޮށްދޭ ހަށިގަނޑުގައި ނެތްފަދައެވެ.

ޣައިރު މުސްލިމުން ކުރާ ކަންކަން ހަމަ އެގޮތަށް ކުރަން އުޅޭނަމަ، ޝަރުޢީ ހަމަތަކާ ދިމާ އިދިކޮޅަށް ވެސް ކަމެއް ކުރެވިދަނެއެވެ. ހީނުކުރާ އެތައް ނަތީޖައެއް ނިކުމެދާނެއެވެ. އެއަށް ނުވާ، މިއަށް ނުވާ އެދޭތެރެ މެދުން ހަލާކުވާ ބަޔަކުކަމުގައި ވެދާނެއެވެ. މިހުންނަނީ ދެރަ ކަންކަމެވެ. ހައްތާވެސް ގަރަޑަމަލެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ