އެމޭޒަން ކުންފުނިން 11 މަތިންދާ ބޯޓު ގައްނަން ނިންމައިފިއެވެ.
އޮންލައިން ވިޔަފާރިއާއި އަދި މިނޫންވެސް އެތައް ހިދުމަތްތަކެއް ފޮރުކޮށްދޭ އެމޭޒަންއިން ގައްނަން ނިންމައިފައިވަނީ ބޯއިން 767-300 މަރުކާގެ 11 ބޯޓެވެ.
އެމޭޒަން ކުންފުނިން މި ބޯޓުތައް ބޭނުން ކުރަން ހަމަޖެހިފައިވަނީ އެ ކުންފުނީގެ މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށެވެ. އެމޭޒަން އިންވަނީ 2016 ވަނަ އަހަރުން ފެށިގެން ވައިގެ ދަތުރުތައް ކުރަން ފަށައިފައެވެ. ނަމަވެސް އެއިރު ބޭނުން ކުރަމުން ގޮސްފައިވަނީ ކުއްޔަށް ނަގައިފައިވާ މަތިންދާބޯޓު ތަކެކެވެ.

އެމޭޒަން އިން ބޯއިން 767-300 މަރުކާގެ 11 ބޯޓު ގަތުމަށް ނިންމައިފައިވަނީ ޑެލްޓާ އަދި ވެސްޓް ޖެޓުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް އައި ހީނަރުކަމާއި ގުޅިގެން ގިނަ އެއާލައިން ތަކަކުންވަނީ އެ އެއާލައިންތަކުގައިވާ އޮޕަރޭޝަނަލް ފުލައިޓުގެ އަދަދުތައް ވަރަށް ބޮޑުތަނުން މަދުކޮށްފައެވެ.
އެމޭޒަން ގުލޯބަލް އެއާގެ ނައިބު ރައީސް ވިދާޅުވެފައިވަނީ، މި މަތިންދާ ބޯޓުތަކުގެ ސަބަބުން އެކުންފުނިން މުދާ ފޯރުކޮށްދިނުމުގައި އެތައް ތަނެއް އަވަސްވެ ކުޑަ އަގެއްގައި މުދާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.



