މުބާރާތުގެ މެޗަކުން ބަލިނުވެ ރެދަންއިން ވަދާޢީ ފުޓްސަލް ޖެލެންޖް ކާމިޔާބުކޮށްފިއެވެ.
ކުރިނބީ ކައުންސިލްގެ ރައީީސް އަލްފާޟިލް މުޙައްމަދު އަފްރާޙުގެ އިސްނަގައިގެން ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މިމުބާރާތުގެ ފައިނަލް ކުޅެފައިވަނީ މިއަދު ހަވީރު ކުރިނބީ ފުޓްސަލް ދަނޑުގައެވެ.
ފައިނަލްގައި ރެދަންއާއި ޕްރޯ އެފްސީ ބައްދަލުކުރިއިރު، ރެދަންއިން މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުން ޕްރޯ އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ރެދަންގެ ކެޕްޓަން ޙުސައިން އިޔާޒެވެ. ކެެޕްޓަންގެ ހިތްގައިމު މިލަނޑަށްފަހު މާގިނައިރުތަކެއް ނުވަނީސް، ރެދަންއިން ދެވަނަ ލަނޑުވެސް ކާމިޔާބުކުރިއެވެ. ދެވަނަ ލަނޑަކީ ކެޕްޓަން އިޔާޒް ފޮނުވާލި ހަމަލާއެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ޕްރޯ އެފްސީގެ ކުޅުންތެރިއެއްގެ ފައިގައި ބައިކޮޅަށް ވަތް ލަނޑެކެވެ.
ރެދަންއިން މެޗު ޔަޤީންކޮށްފައިވަނީ ގޯލްގެ އަރިމަތީ ދަނޑީގައި ޖައްސާލުމަށްފަހު، އަހްމަދު ނަދީފު ކާމިޔާބުކޮށްދިން ރެދަންގެ ތިންވަނަ ލަނޑާއެކުގައެވެ.
ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވި މިމުބާރާތުގެ ފައިނަލަށް ރެދަންއާއި ޕްރޯ އެފްސީ ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ފައިނަލްގެ ކުރިން މިދެޓީމު ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ކުޅުނު އެހެން މެޗުތަށް ދެޓީމުންވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިމުބާރާތުގެ ދެން ވާދަކޮށްފައިވާ އަނެއް ދެ ޓީމަކީ އެފްސީ ރޯޔަލްސްއާއި އެފްސީ ޖަޒުބާތެވެ.
މުބާރާތުގެ ޓޮޕްސްކޯރާރއަކީވެސް އަދި އެންމެ މޮޅު ކުޅުންތެރިޔާއަކީވެސް ރެދަން ޓީމުގެ ކެޕްޓަން ޙުސައިން އިޔާޒެވެ. މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޙުސައިން އިޔާޒުވަނީ މިމުބާރާތުގައި ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެހެން ވަނަތަކަށް ބަލާލާއިރު، އެންމެ މޮޅު ކީޕަރީ އިދިކޮޅުގެ ގިނަ ހަމަލާތަކެއް ދިފާޢުކުރި ރެދަން ޓީމުގެ ކީޕަރު މުޙައްމަދު ވިޝާޙްއެވެ. އަދި އުންމީދީ ކުޅުންތެރިންގެ ގޮތުގައި ދެކުޅުންތެރިޔަކު ހޮވާފައިވާއިރު، މިމަޤާމު ޙާސިލްކުރި ޕްރޯ އެފްސީގެ ޒިޔާން ޢަބްދުލްޣަނީ އާއި އެފްސީ ރޯޔަލްސްގެ އަޙްމަދު ޒިހާން، މި ދެ ކުޅުންތެރިންވެސްވަނީ މުޅި މުބާރާތުގައި ތަފާތު ކުޅުމެއް ދައްކާފައެވެ.

މީގެ އިތުރުން މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަކީ؛
- މޫސާ ނަޛީދު - ޕްރޯ އެފްސީ
- ޢަބްދުﷲ ބަދީޢު - ޕްރޯ އެފްސީ
- އަޙްމަދު އިޔާދު - ޕްރޯ އެފްސީ
- ޢަލީ ރައްފާން - ރެދަން
- މުޙައްމަދު ސިޔާޙް - އެފްސީ ޖަޒުބާތު

މުބާރާތް އިންތިޒާމުކުރި ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ފެށުމަށް ވިދާޅުވީ، 'ކުރިނބީ ފުޓްސަލް ޖެލެންޖް' އަކީ އެބޭފުޅާ ކުރިނބީ ކައުންސިލްގައި މިހޭދަކުރި 10 އަހަރުގެ ހަނދާނުގައި ބޭއްވި މުބާރާތެއްކަމަށެވެ. އަދި މިމުބާރާތް މިހާ ފުރިހަމަކޮށް ގެންދެވިފައިވަނީ އެތަށް ބަޔެއްގެ އެހީތެރިކަމާއި އެކުގައި ކަމަށާއި، އެގޮތުން ކުރިނބީގެ ވިޔަފާރިވެރިންނާއި ކުރިނބީގެ ކުންފުނިތައް އަފްރާހްވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުންވެސް ކުރިނބީގެ އާންމު ފަރުދުންނާއި އެހެން ރަށްރަށުގެ ވިޔާފަރިތަކާއި އަމިއްލަ ފަރާތްތަކުގެ އިތުރުން ދާއިރާގެ މެންބަރު ފިއްޓޭވެސް ފާހަގަކުރައްވައި ރައީސް އަފްރާޙް ވިދާޅުވީ، މިމުބާރާތަށް ކުރިނބީ ޒުވާނުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ފަށްފަށުން ޝުކުރުއަދާކުރާކަމަށެވެ. އަދި މެދުކެނޑުމެއްނެތި ކުރިނބީ ކައުންސިލްގައި މިހޭދަކުރި 10 އަހަރުގެ ތެރޭގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށް ވިދާޅުވިއިރު، އެފަރާތްތަކުގެ ނަންތައް ވަކިވަކިން ހާމަނުކުރި ނަމަވެސް، ޖުމްލަކޮށް ކުރިނބީގެ ހުރިހާ ރައްޔިތުންނަށް އަފްރާޙްވަނީ ހިތުގެ އެންމެ އަޑިން ޝުކުރު އަދާކޮށްފައެވެ.
ޖެނުއަރީ 1 ވަނަ ދުވަހު ފެށުނު މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ކިއުޓެކްއެވެ.




