ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އޮފިޝަލަކާއި ހަވާލާދީ "ވަގުތު" ނޫހުގައި ބުނެފައިވަނީ، ތ. ބުރުނީގައި ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާ މީހެއްގެ މައްސަލަ ބަލަން ފަށާފައިވާކަމަށާއި، ނަމަވެސް އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އަދި ކަރަންޓީނު އުސޫލާއި ޚިލާފުވެފައިވަނީ އެ ރަށަށް ދިޔަ އެ އަތޮޅު އެހެން ރަށެއްގެ މީހެއްކަމަށްވެސް ވެއެވެ.
ކަރަންޓީނުގެ އުސޫލާއި ޚިލާފުވާ މައްސަލަތައް މީގެކުރިންވެސްވަނީ ފެންމަތިވެފައެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި ފުލުހުން މީހުންވެސް ޙައްޔަރުކޮށްފައި އެބަހުއްޓެވެ. މިގޮތުން ކަރަންޓީނު އުސޫލާއި ޚިލާފުވެގެން ފުވައްމުލަކުންނާއި ގއ. ވިލިނގިލީންވެސް މީހުން ޙައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓުރޯލް ކުރުމަށް ސަރުކާރުގެ ފަރާތުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެއިން ނުވަތަ ރިސޯޓަކުން އަތޮޅުތެރޭ ރަށަކަށްދާ މީހަކު ނަމަ 14 ދުވަހުގެ ހޯމް ކަރަންޓީނުގައި ހުއްނަން ޖެހޭގޮތަށް ކުރިން އޮތްނަމަވެސް އެމުއްދަތު މިހާރުވަނީ 10 ދުވަހަށް ކުޑަ ކޮށްފައެވެ.



