އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމުން އަޒުލުކުރުމަށް ހައުސް އިން ދެވަނަ ފަހަރަށް ފާސްކޮށްފިއެވެ.
ޓްރަމްޕް މަގާމުން ދުރުކުރަން ނުވަތަ އިމްޕީޗް ކުރަން ހައުސް އިން މިފަހަރު ފާސްކުރުމާއި އެކު ޓްރަމްޕް ވެގެން މިދިޔައީ އެމެރިކާގެ ތާރީޚްގައި ވެސް ދެވަނަ ފަހަރަށް ހައުސް އިން އިމްޕީޗް ކުރި ފުރަތަމަ ރައީސްއަށެވެ.
ކެޕިޓަލް ބިލްޑިންގަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައުސްއަށް ޑިމޮކްރަޓިކް މެންބަރުން ހުށަހެޅި މައްސަލައިގައި ޓްރަމްޕް މަގާމުން ދުރުކުރަން ފާސްވީ ވޯޓްގައި ބައިވެރިވި މެންބަރުންގެ ތެރެއިން 232 މެންބަރުންގެ ވޯޓުންނެވެ. 197 މެންބަރަކު ވަނީ ޓްރަމްޕް މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.
ޓްރަމްޕް ރައީސްކަމުން އަޒުލުކުރުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑިކް ޗޭނީގެ ދަރިކަނބަލުން އަދި ހައުސްގައި އިންނަވާ ރިޕަބްލިކަން މެމްބަރު ލިޒް ޗޭނީ ހިމެނި ވަޑައިގަންނަވައެވެ.
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ހައުސްއިން ފާސްކުރިނަމަވެސް އަދި ޓްރަމްޕް ވެރިކަމުން އަޒުލު ކުރެވިގެންނުދާނެއެވެ. އެއީ އެކަމާމެދު ފަހު ބަސް ބުނުމުގެ ބާރު ސެނެޓަށް ލިބިގެންވާތީއެވެ




