ޑްވާފް ޖިރާފެއް ފެނި ސައިންސްވެރިންވެސް ވީ ހައިރާން!

ޖިރާފަކީ، ދުނިޔެއިން އެންމެ އިސްކޮޅުން ދިގު ޖަނަވާރުގެ ގޮތުގައި ފާހަގަކުރެވިފައިވާ ޖަނަވާރެވެ. ނަމަވެސް ޑްވާފް ސައިޒުގެ ޖިރާފެއް ފެނި ސައިންސުވެރިންވެސް ހައިރާންކޮށްލިއެވެ.

އާދައިގެ ޖިރާފައްގެ އިސްކޮޅުގައި އާއްމުގޮތެއްގައި 16 ފޫޓުގެ ދިގުމިނެއް ހުރެއެވެ. އޭތީގެ ދިގު ކަރުގަޔާއި ފައިގައި ގާތްގަނޑަކަށް 6 ފޫޓު ހުންނައިރު، އަދައިގެ އިންސާނަކަށްވުރެވެސް މި ގުނަވަންތައް ދިގެވެ. އެގޮތުން އެންމެ އިސްކޮޅުން ކުރު ޖިރާފްވެސް ދިގުމިންވެސް، ޕްރޮފެޝަނަލް ބާސްކެޓް ކުޅުންތެރިއެއްގެ ސައިޒަށްވުރެ ދެ ގުނަ އިތުރެވެ.

އެފްރިކާއިން ޑްވާޒް ސައިޒުގެ ދެ ޖިރާފް މިހާތަނަށް ހޯދިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މި ސައިޒުގެ ޖިރާފެއް ފެނިފައިވަނީ، އުގަންޑާގެ މާރކިސަން ފޯލްސް ނޭޝަނަލް ޕާކުން 2015 ވަނަ އަހަރުއެވެ. މި ހޯދުން ހޯދިފައިވަނީ، އެފްރިކާގެ ޖިރާފްތައް ބެލެހެއްޓުމުގައި އިސްކޮށް އުޅޭ އެންޖީއޯއެއް ކަމުގައިވާ "ޖިރާފް ކޮންސަރވޭޝަން ފައުންޑޭޝަން(ޖީސީއެފް)" އަށެވެ.

މި ޖިރާފުގެ ދިގު މިނުގައި ހުރީ 9 ފޫޓާއި 4 އިންޗިއެވެ. މިކަން ޤަބޫލުކުރަން އުނދަގޫވެގެން ސައިންސްވެރިން ވަނީ އޭތީގެ ސައިޒު ދެފަހަރަށް ޗެކް ކޮށްފައެވެ. އުގަންޑާއިން ފެނުނު މި ޖިރާފަށް ދީފައިވާ ނަމަކީ "ޖިމްލީ" އެވެ. މި ޖިރާފުގެ ކަރު ދިގުނަމަވެސް، އޭތީގެ ފައި އާދަޔާހިލާފަށް ކުރެވެ.

އޭގެ ތިން އަހަރު ފަހުން 2018 ވަނަ އަހަރު ވަނީ ދިގުމިނުގައި 8 ފޫޓާއި ބައި އިންޗި ހުންނަ ޖިރާފެއް ދެކުނު އެފްރިކާގެ ނަމިބިއާގައި ހުންނަ އަމިއްލަ މީހެއްގެ ދަނޑަކުން ފެނިފައެވެ. މި ޖިރާފަށް ދީފައިވާ ނަމަކީ "ނައިޖަލް"އެވެ.

އާދަޔާ ޙިލާފަށް ކުޑަ މި ދެ ޖިރާފުގެ ކޮންޑިޝަން ނުވަތަ ހާލަތައް ސައިންސްވެރިން ދީފައިވާ ނަމަކީ "ޑްވަފިޒަމް" އެވެ.

ސިއްހީ ނަޒަރަކުން ބަލާއިރު މި ދެ ޖިރާފަށް ދިމާވެފައިވާ މި ކޮންޑިޝަންއަކީ "ސްކެލެޓަލް ޑިސްޕްލޭޝިއާ"އެވެ. އެއީ ގައިގެ ކަށިތައް ހެދި ބޮޑުވުމަށް އަސަރުކުރާ ހާލަތަކެވެ. އެހެންކަމުން މި ހާލަތު ދިމާވުމުން، ގައިގެ އިސްކޮޅު ހުންނަށް ޖެހޭވަރަށް ވުރެ ކުޑަ ސައިޒެއްގައި ހުރުމަށް މެދުވެރިވެއެވެ.

މި ހޯދުންތައް އާއްމުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މި ޑްވަރފް ސައިޒުގެ ޖިރާފްތަކުގެ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވާން ފެށުމާއެކު، ގިނަ ބަޔަކު ހީކޮށްފައިވަނީ މިއީ އަސްލެއް ނެތް ފޮޓޯތަކެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ